މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލު ލަސްވާތީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ނުރުހުން ފާޅުުރައްވައިފިއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ޝަފީގް ވަނީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމި ބިލްތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" ގެ ނަމުގައި ވަކި މުއައްސަސާއެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ނަމަވެސް އެ މަސައްކަތް ނުކޮށް ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ދެމުއައްސަސާ އެއްކޮށްލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ވެސް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިވާކަން ޝަފީގް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާ ބެހޭ ކޮމިޓީން އެކަމާ ބެހޭ ގޮތުން މީޑިއާތަކުގެ ވެރިންނާއި މަޝްވަރާ ވެސް ކުރި ކަމާއި އޭރު އެއްކުރި މައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާކުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"ކުރިންވެސް މީގެ މަސައްކަތްތަކެއް ކުރި. މިހާރު މިތަނުން އެއް މުއައްސަސާ އަށް އިތުރު މެމްބަރުން އައްޔަން ކުރާ އިރު ވެސް އެ މަސައްކަތް ނުނިމޭ. މިހާރު އަނެއްކާ ނޫސްތަކުން މިފެންނަނީ (ދެމުއައްސަސާ އެއްކޮލުމުގެ ބިން) ފޮނުވަނިއްޔޭ ބުނާ ޚަބަރު." އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމާ ގުޅޭ ގޮތުން އެމްއެމްސީން ވެސް ވަނީ ދާދިފަހުން ޚިޔާލު ހޯދާފައެވެ. އެކައުންސިލުން ވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" އޮންނަންވީ ގޮތާއި މެންބަރުން އައްޔަންކުރަންވީ ގޮތާ މެދު މީޑިއާތަކާއި އާންމުން ދެކޭ ގޮތް ބެލުމަށް ސަރވޭއެއް ކުރަން ފަށާފައެވެ.

އެ ސާވޭގައި ސަރުކާރުން އަލަށް އުފައްދަން އުޅޭ މީޑިއާގެ ރެގިއުލޭޓަރީ އޮތޯރިޓީއަށް މެންބަރުން އައްޔަން ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަގުލަބިއްޔަތު ލިބެން ޖެހޭނެތޯ އާއި އެ އޮތޯރިޓީގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އޮންނަން ޖެހޭ މިންވަރާ މެދު ސުވާލުކޮށްފައިވެއެވެ.

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ 2019ގައެވެ. މިހާރު ރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮންނަނީ 2 ތަނެކެވެ. އެގޮތުން ޓީވީ އާއި ރޭޑިއޯގެ ބައި ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ.