ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ އޮފިޝަލުން ހޯދުމުގައި ދަތިވާތީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީއަށް އެދެން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުގެ މަތިން ގައިދުރުވުމުގެ ހަމަތަކުގެ މަތިން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ވޯޓުލާ 135 މަރުކަޒު ގާއިމް ކުރަން ޖެހޭނެ ކަމަށެވެ. ބައެއް އޮފިޝަލުން ކޮވިޑް-19 ފައްސިވުމާއި އެކަހެރިވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ، ބޭނުންވާ ބެކަޕް ޓީމަށް ވެސް ގާތްގަނޑަކަށް 2،500 އޮފިޝަލުން ހޯދަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ކަންކަން ހަމަޖެއްސުމުގެ ގޮތުން މާލެ ސަރަހައްދުގައި ވޯޓް ލާ މަރުކަޒުތައް ބެހެއްޓުމުގެ ގޮތުން ހެންވޭރު ދަނޑާއި ގަލޮޅު ދަނޑާއި މާފަންނު ޓާފް ދަނޑު ފަދަ ތަންތަނުގައި ޓެންޓްތައް ޖަހައިގެން ކުރިއަށް ގެންދަން ވިސްނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭނުންވާ އޮފިޝަލުން ހޯދުމަށް މަސައްކަތް ކުރާއިރު މިހާތަނަށް ލިބިފައިވަނީ ވެސް ބޭނުންވާ އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވާ ވަރަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އޮފިޝަލުން ހޯދަން ވިސްނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ގަބޫލު ކުރަނީ ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އޮފިޝަލުން ހޯދުމަށް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ހުރިހާ ސިޔާސީ ޕާޓީތަކުގެ މީހުން އެއް މަރުކަޒެއްގައި ތިބޭނަމަ އެއިން މައްސަލައެއް ދިމާވާނެ ކަމަކަށް ނުވާނެ،" ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު އޮތުމުން އިންތިޚާބުގައި އަމަލު ކުރުމަށް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގެ ބުރަ ބޮޑު ކަމުން އިންތިޚާބުގެ ޚަރަދުތައް އިތުރުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއަށް ބޭނުންވާ ބަޖެޓް ނުލިބި މިހާރު ކަނޑައެޅިފައިވާ ތާރީޚަށް އިންތިޚާބު ނުބޭއްވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކޮމިޝަނުން ވަނީ އިތުރު 42 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިފައެވެ. މިހާރު ދީފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. 42 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފިނަމަ މުޅި އިންތިޚާބުގެ ބަޖެޓަށް 93 މިލިއަން ރުފިޔާ އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގުވޯޓް

    ސަޅި ! އައްޗި! މީކާކު! މީނައަށް އެހީނުވުން މާދުއްދިވެރި! ސަރީފް ތިބޭފުޅައި،އިސްތިޢުފާ ދެއްވުން މި ޤައުމަށް އެންމެ ރަނގަޅީ!

    7
    1
  2. ރަބާޙް

    ކަލޭ އެކަނި ތިކަން ކޮށް ނިންމާލާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ކައިލިގޮތަށް ކާލާ!