ރާއްޖެ އާއި ސްރީ ލަންކާ އާއި އިންޑިއާ ގުޅިގެން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް އޮފީހެއް އުފައްދައިފިއެވެ.

މި އޮފީސް ގާއިމުކޮށްފައި ވަނީ ސްރީ ލަންކާގައި ހުންނަ ނޭވީ ހެޑްކްއާޓަރުގައެވެ.

މި އޮފީހުގެ މަސައްކަތްތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ ޑިފެންސް މިނިސްޓްރީ އަދި ޑިޒާސްޓާ މެނޭޖުމަންޓުގެ ސެކްރެޓަރީ ރިޓަޔާޑް ކަމާލް ގުނަރަތުނަޔަ އާއި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ އެޑްމިރަލް ރިޓަޔާޑް ޕްރޮފެސާ ޖަޔަނަތު ކޮލަމްބަގެ އާއި ނޭވީ ކޮމާންޑާ ވައިސް އެޑްމިރަލް ނިޝާންތާ އުލުގެޓެންނޭ އާއި އިންޑިއާ އާއި ލަންކާގެ ފަރާތުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ މި އޮފީހުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށާއި އިންޑިއާ ކަނޑަކީ އަބަދުވެސް މުހިންމު ސަރަހައްދެއް ކަމަށެވެ.

މި އޮފީސް 24 ގަޑިއިރު ހުޅުވިފައި ހުންނާނެ ކަމަށްވެއެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު މެރިޓައިން ސެކިއުރިޓީއާ ގުޅޭ ބައްދަލުވުމެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވީ ލަންކާ އާއި އިންޑިއާގެ އިތުރުން އޮބަޒާވަރުންގެ ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސް އާއި މޮރިޝަސްއެވެ.