ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމްއަށް އައްޔަން ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ވެސް ފަޒީންގެ ނަމެވެ.

އެގާރަ ނަން ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ތަޅުމަށް ފޮނުވީ ދެ ނަމެކެވެ. އެއީ ފަޒީޏްގެ އިތުރުން "ވީޓީވީ" ގެ ކުރީގެ ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަމެވެ. ރައީސް ފޮނުވި ލިސްޓުގައި ވެސް ޝިފްޒާގެ ނަން އޮތީ ދެވަނައަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ. ފަޒީން އައްޔަން ކުރަން ރުހުން ދޭން ފާސްކުރީ 55 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ފަޒީންގެ ނަމަށް ރުހުން ދޭން ފާސްވުމުން ޝިފްޒާގެ ނަމަކަށް ވޯޓަކަށް ނާހައެވެ.

ދެހާސް ބާރަ ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ފަޒީން އެ ދާއިރާއަށް ޚިދުމަތްކޮށްދެމުންދާތާ މިހާރު މިވަނީ ނުވަ އަހަރު ފުރިފައެވެ. ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އުފެއްދުމުގައި އިސްކޮށް އުޅުއްވި އެކަކަކީ ފަޒީނެވެ. އެއަށް ފަހު ފަޒީން މަސައްކަތް ކުރެއްވީ މިއަދާ ހަމައަށް ވެސް ރާއްޖެ ޓީވީގައެވެ. ރާއްޖެޓީވީއަށް އޭނާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގައެވެ.

ބްރޯޑްކޮމްގައި މެންބަރެއްގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް

    ރާއްޖެ ޓީވީގަ މަސައްކަތް ނުކުރާ މީހެއްނަމަ ޝަރުތު ފުރިހަމަ ނުވާނެ.ތަިޔަ ފަޒީން އެއީ ކަނޑު ކޮހެއް.އަހަރެން އީޕީއެސްގަ 1994 ވަނަ އަހަރު ކިޔެވިިއިރު ސްކޫލްގަ އުޅުނު މީހެއް ތިޔައީ.ހެދުނު ރާއްޖެ ރާއްގެ ޓީވީން ފޮނުވާ ''ފަށާއިރު'' ޕްރޮގްރާމްގަ މީނަ ދައްކާފަ ހުރި ވާހަކަ ތަކުން ވެސް މީނަގެ އަސްލު ފެންވަރު ވަޒަންކުރެވޭނެ.ވ.ވެދުން

  2. ޞ

    ބްރޮޑް ކޮމް މިހާރު އެއީ މިނިވަނ ތަނެއް ނޫން
    ޜާއްޖެ ޓީވީގެ ގޮތްޕެއް

  3. އައްޑާ

    މިހާރު އައްޑާއަކައް ހަދައިގެންއުޅުނަސް ވެއްޓޭއިރު ދާނީވަޔައް