މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް މާދަމާ އިން ފެށިގެން ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ފްލޫ ކްލިނިކްތަކާއި ރައްޔިތުންގެ މަޖިލިހާއި ސޯޝަލް ސެންޓަރު ފަދަ ތަންތަނުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ތަންތަނަށް ގޮސް ވެކްސިން ޖަހައިދިނުމަށް ދެ ޓީމެއް ހަރަކާތްތެރިވެއެވެ.

ރާއްޖެ އިން މިހާތަނަށް 117،115 މީހުންނަށް ކޮވިޑް-19 ވެކްސިން ވަނީ ދީފައެވެ. އެއީ މާލެ ސަރަހައްދުން 77،251 މީހެއްގެ ގަޔަށާއި އަތޮޅު ތެރޭގެ ރަށްރަށުން 39،864 މީހެއްގެ ގަޔަށެވެ. ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

އެންމެ ފުރަތަމަ ވެކްސިން ދީފައި ވަނީ ފްރަންޓްލައިންގެ މީހުންނަށާއި ހިރާސް ބޮޑު ބަލި މީހުންނަށެވެ. އޭގެ ފަހުގައި އެކި އުމުރުތަކުގެ މީހުންނަށް ބަހާލައިގެން ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އާ ގާތް ކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެ 62 މީހަކު ވަނީ ނިޔާވެފައެވެ.