ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގެންނެވުމަކަށް، "ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް، ބަންގްލަދޭޝް އެއަރ ފޯސްގެ ޞިއްޚީ ޚިދުމަތްތެރިންގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ 23 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމު، މިއަދުގެ ވަގުތެއްގައި މާލެ އަންނާނެއެވެ.

"ކޮވިޑް-19 ދިފާޢު" ވެކްސިން ކެމްޕޭނުގެ ދަށުން، އެންމެހައި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް، ހަމަހަމަ ފުރުޞަތުތަކެއްގެ ދަށުން ވެކްސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އަދި، މީގެ ކުރިން ރައީސް ޞާލިހް ވިދާޅުވެފައިވާ ފަދައިން، މި ކަމުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ އަދި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި މިއަދު އާއްމުކުރި ޚަބަރެއްގައި ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ޞާލިހްގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދަޢުވަތު އަރުވާފައި ވަނީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދާދި ފަހުން އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައެވެ. ހުސްވި ފެބްރުއަރީ މަހުގެ 10 އިން 11 އަށް މިނިސްޓަރ ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ރައީސްގެ ދަޢުވަތު ޤަބޫލުކޮށް، ބަންގްލަދޭޝް ސަރުކާރުން މިއަދު ރާއްޖެއަށް ފޮނުވާ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓްއިން، އަދި އެނެސްތިޒިއޮލޮޖިސްޓް އެކެވެ. އެ ޓީމުން، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމުތަކާއެކު، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ކުރިއަށް އޮތް ދެ މަސްދުވަހު ހަރަކާތްތެރިވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

މި ޓީމުގެ އެހީތެރިކަމާއެކު، ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ހުރިހާ ދިވެހިންނެކޭ އެއް ފަދައިން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވެސް، އެއްވެސް ތަފާތުކުރުމެއް ނެތި ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމުގެ ކެމްޕޭނުގެ ދަށުން، މާރިޗު 2 ވަނަ ދުވަހުގެ ނިޔަލަށް 123،665 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސީދިބެ

  ހެޔޮނުވާނެ ނުގެންނާތި ތިމީހުންވެސް މާލެތެރެއަށް ފިލާނެ ޔަގީން

  1
  1
 2. ގަލަން ތުނޑު

  މިތާ އެބަތިބި ހުރިހާ ވައްތަރެއްގެ ބަންގްލަދޭސްމީހުން.ދެން ކިއްކުރަން އިތުރުމީހުން ގެންނަނީ

  1
  1