ރާއްޖެއަށް އެރި ކޮވިޑް-19 ގެ ތިން ވަނަ ރާޅަށް ނުސިހި މެޑިކަލް ކޯގެ ސިފައިން "ކޮވިޑް-19 ދިފާއު" ވެކްސިނޭޝަން ކެމްޕެއިން އޮމާންކަމާއި ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގައި މާރިޔާ ލިޔުއްވާފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރިތާ އަހަރެއް ފުރެން ގާތްވެފައިވާ އިރު، ސިއްހީ ހިދުމަތް ދިނުމުގައި ސިފައިން ފޯރުކޮށްދެމުންދާ އެހީތެރިކަން ރައްޔިތުން ފާހަގަ ކުރަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައެވެ.

ރާއްޖެ އިން ކޮވިޑް ފެނުމާ އެކު މިދިޔަ މާޗް 13 ވަނަ ދުވަހު ސެނެހިޔާ ހޮސްޕިޓަލްގައި ސިފައިންގެ އަމިއްލަ އިސް ނެގުމާ އެކު ފްލޫ ކްލިނިކެއް ގާއިމު ކުރި ހިސާބުން ފެށިގެން ކޮވިޑް-19 އާ ދެކޮޅަށް "ފަސްޓް ރެސްޕޮންޑަސް"ގެ ގޮތުގައި، އެމްއެންޑީއެފް މެޑިކަލް ކޯގެ ހިތްވަރުގަދަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި 24 ގަޑިއިރު މަސައްކަތް ކުރާ ހަމައެކަނި ކްލިނިކްގެ ގޮތުގައި އެންމެ ފުރަތަމަ ހުޅުވި ފްލޫ ކްލިނިކުން ދަނީ ދިވެހި ރައްޔިތުންނާއި ބިދޭސީން ހިމެނޭހެން ވޯކް އިން ކޮންސަލްޓޭޝަންތައް ދިނުމާއި ކްލިނިކްގައި އާއި މޯބައިލް ސައިޓްތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"މީގެއިތުރުން، މޯބައިލް މެޑިކަލް ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމާއި ބިދޭސީންނަށް ހާއްސަކޮށް މެޑިކަލް ކޭމްޕުތައް ހިންގުމާއި ޑިސްއިންފެކްޝަން ޓީމްތައް ޓްރެއިންކޮށްދީ، ޑިސްއިންފެކްޝަންގެ މަސައްކަތް ކުރުމާއި، ކޮވިޑާ ދެކޮޅަށް ބޭނުން ހިފިދާނެ ތަފާތު އާލާތްތައް އީޖާދުކުރުމާއި، ޕީޕީއީއާ ގުޅޭ ތަމްރީނުތައް ހިންގުމާއި ސެނަހިޔާ ލެބޯޓަރީގެ ހިދުމަތްތައް ތަރައްގީކުރުން ފަދަ މުހިންމު މަސައްކަތްތައް މެޑިކަލް ކޯގެ ސިފައިންވަނީ ވަރަށް ފުރިހަމައަށް ކުރިއަށް ގެންގޮސްފައެވެ،" މިނިސްޓަރު މާރިޔާ ލިޔުއްވާފައިވެއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ވީހާވެސް އޯގާތެރިކަމާއި ކެތްތެރިކަމާއެކު، އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ހިރާސް ބޮޑު މީހުންނަށާއި ފްރަންޓްލައިނަރުންނަށް ވެކްސިން ޖަހައިދިނުމުގައި ސިފައިން ދަނީ އިންސާނިއްޔަތުގެ މަތިވެރި ރޫޙުގައި މަސައްކަތްކުރަމުންނެވެ.

އެހެންވެ، އެމްއެންޑީއެފްގެ ސަޖަން ޖެނެރަލ ކާނަލް ޑރ. އަލީ ޝާހިދަށާއި، މެޑިކަލް ކޯގެ ހީވާގި އެންމެހާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި އެހީތެރިންނަށް، ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ނަންފުޅުގައި އާއި ސިފައިންގެ ލީޑަޝިޕްގެ ނަމުގައި އާއި ދިވެހި ރައްޔިތުންނާއި މިއްލަ ނަމުގައި ވަރަށް އިހްލާތެރިކަމާއެކު މާރިޔާ ވަނީ ޝުކުރު ދަންނަވައިފައެވެ.

"އަޅުގަނޑުގެ ދުއާއަކީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތުގައި މާތްﷲ ކާމިޔާބީ މިންވަރުކޮށްދެއްވުމެވެ. އާމީން،" މިނިސްޓަރު މާރިޔާ ނިންމަވާލައްވަމުން ލިޔުއްވާފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، 62 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާތަނަށް އައިއިރު، 120،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ވަނީ ދީފައެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންވެ، ސިއްހީ މާހިރުން ސިފަ ކުރެއްވި ގޮތުގައި ރާއްޖެ އަށް މިހާރު ވަނީ ތިން ވަނަ ރާޅެއް އަރައިފައެވެ. ރާއްޖެ އަށް ކުރިން އެރި ރާޅުތަކާ ބަލާފައި ތިން ވަނަ ރާޅުގެ ބާރު ގަދަވެފައި ނުރައްކާތެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގެރި

    ކަލޭމެން ބަލި ފަތުރާފަ ކޮން ފޮނި ވާހަަކައެއް ތި ދައްކަނީ

  2. ސިފައިން

    މާރިޔާ ކޮބާހޭ ސިފައިންގެ ފުލެޓް. ބޭކާރު ވާހަކަ ނުދައްކާ ފުލެޓް ނިންމާ ހަވާލުކުރާށޭ. ޙާދަ ރުޅި ގަދަވޭ އެބެ. 300 ސިފައިން

  3. ޢިއްސެ

    ކޮވިޑޭ ނުކިޔާ ފުލެޓް ތައް ހަވާލު ކުރަންވީ

  4. ކާފު

    އެހެންވެ ސިފައިންނަށް ކޮވިޑް އެލަވަންސް ނުދީ އެމް.އެން.ޑީ.އެފް ގެ ކުޅިވަރަށް އެ ލިބުނު އެލަވަންސް ހަރަދު ކުރަން ތިއުޅެނީ

  5. ާގުންޑާ

    ސިފައިންނަށް ދޭންޖެހޭ ކޮވިޑު ލާާ ރި ކޮބާ؟؟؟؟
    އެވެސް ނުދެވުނު.. އެއަށް ވީނުވީ އެއް ނޭގުނު...

  6. އަޙްމަދު

    ކޮވިޑް އެއްވެސް ރާޅެއްނާރާ! ހަރުދަނާ ފިޔަވަޅު އަޅާ އެކަން ދެމެހެއްޓޭނަމަ އެއްވެސް ރާޅެކޭ ކިޔަކަށް ނުޖެހޭނެ! މަގުމަތި އަމާން ނުވެގެން އުޅެނީ ކިއްވޭ!