އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ކުރިއަށް ގެންދަން ނިންމާފައިވާ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސަށް ދެއްވި ދައުވަތު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވައިފިއެވެ.

ޝުޖާއު ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ކުރިއަށް ގެންދަވަން ނިންމަވާފައިވާ މި ޕްރޮގްރާމްގެ ޓީޒާ ވީޑިއޯއެއް ވަނީ އާންމު ކުރައްވައިފައެވެ. އަދި އެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަށް ވެސް ޝުޖާއު ވަނީ ދައުވަތު ދެއްވައިފައެވެ.

މާލޭގެ މޭޔަރު ކަމަށް މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒުގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު އާއި، އަމިއްލަ ކެންޑިޑޭޓް އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީއެވެ.

ޝުޖާއުގެ މި ޓްވީޓް ރީޓްވީޓް ކުރައްވައި މުއިއްޒު ލިޔުއްވާފައިވަނީ އެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ދެއްވި ދައުވަތު ގަބޫލު ކުރައްވައި އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަން މުއިއްޒު ދެއްވިއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީތަކުގެ މޭޔަރުން އިންތިޚާބު ކުރާނީ މުޅި ސިޓީގެ ރައްޔިތުން ވޯޓު ލައިގެންނެވެ. އެހެންކަމުން މާލޭގެ މޭޔަރު ވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އަށް ފަހު އެންމެ ގިނަ ރައްޔިތުން ވޯޓް ލައިގެން އިންތިޚާބު ކުރެވޭ މަގާމަށެވެ. އެހެންވެ މި އިންތިޚާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވަން ތާވަލުކުރި ކައުންސިލް އިންތިޚާބު އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދު ކުރުމާ ގުޅިގެނެވެ. އެއަށް ފަހު މި އަހަރުގެ މި މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު މިދިޔަ ފެބްރުއަރީއާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދެންމުމުން އިންތިޚާބު އިތުރަށް ފަސްވެގެން އައީއެވެ.

މިހާރު މަޖިލީހުން ވަނީ ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިޚާބު ބޭއްވޭ ގޮތަށް އިންތިގާލީ މުއްދަތުގެ ކައުންސިލްގެ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. އެކަމަކު އެ ވަގުތީ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާ އިންތިޚާބުގެ އުސޫލުގެ ބުރަ ބޮޑު ކަމުން މިހާރު ކަނޑައަޅާފައިވާ ތާރީޚަށް ވެސް އިންތިޚާބު ބޭއްވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ. މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.