މިއަހަރުގެ މެއި ޖޫންގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި އަހަރުގެ މެއި ޖޫންގައި އޮންނަ އިމްތިހާންގައި ބައިވެރިވުމަށް މި މަހުގެ 11 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އިމްތިހާނުގެ ނަތީޖާ އޮގަސްޓު 10 ވަނަ ދުވަހ ލިބޭނެއެވެ.

"މިއަހަރު މެއި، ޖޫން ގައި މިހާރު ކިޔަވަމުންދާ ހުރިހާ ކުދިން އޭ އެލް އެގްޒާމް އާ އެ އެސް އެގްޒަމްގައި ސިޓް ކުރާނެ. އެކުދިންގެ ޕޭޕާސްތައް އެޑެކްސެލް އިން މާކު ކުރާނީ. ސެޓްފިކެޓު ވެސް ހަމަ އެޑެކްސެލް އިން ދެއްވާ ގޮތަށް" މިނިސްޓަރު ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އެޑެކްސެލް އާއެކު ބޭއްވި މަޝްވަރާ ތަކަށްފަހު، ރާއްޖޭގައި އިމްތިހާނު ބޭއްވުމުގެ ފުރުސަތު ފަހިވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެގޮތުން އެޑެކްސެލް އާއެކު ފަސް ބައްދަލުވުމެއް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އިމްތިހާނުގެ ކަންތައް ކުރިއަށްދާނެ ކަން އެޑެކްސެލް އިން އިއުލާނު ކުރީ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރިއަށް ގެންދަން ފަސޭހަވާނެތީ ކަމަށެވެ.

މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރާނެކަންވެސް އިހްސާން ފާހަގަކުރެއްވިއެވެ.

މިއަހަރުގެ މެއި، ޖޫންގައި އޭލެވެލް އިމްތިހާނު ނުބާއްވަން އިނގިރޭސިވިލާތުން ނިންމީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތަށް ރިޔާއަތް ކުރުމަށްފަހު ބައެއް ގައުމުތަކުގައި އެ އިމްތިހާނު ބޭއްވުމުގެ ހުއްދަ އެޑެކްސެލްއިން އަންނަނީ ދެމުންނެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ކައުންޓަރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 1:30 އަށެވެ. ފޯރު ހުށަހަޅާއިރު، އައިޑީކާޑުގެ އަސްލާއި ފޮޓޯ ކޮޕީއެއް ގެންދަން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އެޑްވަޑް ބާމުންޑޭ

  މިނިސްޓަރ ވިދާޅުވީ އިންތިހާބޭތަ ؟

  9
  1
 2. ސަފަރު ކައްދަ

  ކިޔޭ ނުކިޔޭ ކަލޭމެންނަށް އެނގޭތަ. އެއްފަހަރު ބުނާނެ ނުބާއްވަމޭ އަނެއްފަހަރު ބުނާނެ ބާއްވަމޭ. ތިޔަބުނާ މަޝްވަރާއެއް ވެސް ނުކުރޭ. ނިދާފަ ތިބީ. ދަރިވަރުންގެ ކިޔެވުމަށް މިހެން އެކިފަހަރު އެކިއެއްޗެހި ކީމަ ލިބޭ ގެއްލުމެއް ނޭގޭތަ؟ ތަޢުލީމުގެ އަލިފު ބާވެސް ނޭގެންޏާ ވާނީ މިހެން. ފޭލްވީމާ ދެރަނުދީ ދުރަށް ދޭބަލަ. ފޮޓޯ ކަނބުލޮ

  17
  1
 3. ހަސަނުބެ2323232

  އަސްލު ބުނަން. އައިޝަތު އަލީ އެބަޖެހޭ މަގާމުން ދުރުކުރަން. ކޯވިޑުގެ ރާޅު މިގުޅެނީ ސްކޫލު ހުޅުވުމުން މާލެއަށް އައިސް ތޮއްޖެހުނު ބޮޑެތި އާއިލާތަކާއި. މިއީ ހަގީގަތް. ސްކޫލުން ކޮވިޑު ފެތުރެއެކޭ ނޫން މިކިޔަނީ. ވާހަކަ އޮޅުވާނުލާ

  12
  1
 4. 🙃

  ކުދިންނާ ގުޅޭ ކަންކަން ކުދިން ގާތު އަހާލުމެއް ކަހާލުމެއް ނެތި ނިންމީ؟؟ 😪 ވަޓް އަ ޖޯކް🤭🙄

  15
 5. ފެއިލް

  ލޮލް🤣 ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއް🙄 ބައެއް ސްކޫލުތަކުގެ ދަރިވަރުންގެ ސިލަބަސް ނުނިމޭ އިރު ފޮތް ކޮޅުވެސް ނުލިބޭކަން މިނިސްޓަރަށް އެނގި ވަޑައިގަންނަވާ ތޯ؟ ދެ ދުވަހު ސްކޫލަށް ގޮސް ކޮންމެ މާއްދާ އަކުން އިމްތިހާން ހެދީމަ ކިހާ ސަޅި🙄🙄🙄

  14
 6. ޙހހހ

  ދައުލަތުގެ އަހަރީ ރިޕޯޓްގެ މަލަމަތި ރީތިކުރަން ، ކަންކަން ވާކަން ދައްކަން ވިޔަސް މައުޞޫމް ދަރިވަރުން ކަތިލައްވަން ނުހައްދަވާ

  13
  1
 7. ބެލެނިވެރިއެއް

  ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީމަ މި ކޮމެންޓް ލިޔަމެވެ.
  އެޑިއުކޭޝަން ވަނީ ބޮޑު ތަނުން ފެއިލްވެފަ! 22 ފެބްރުއަރީގަ އަންގާނަމޭ ބުނި އެއްޗެއް 2 މާރޗުގަ އެންގުނީ. މިވަރުވެސް އަދި އަވަހީ. ދެން ބުނާނީ ދަރިވަރުން ގަޑިއަށް ފިލާވަޅު ނުހަދައޭ އެއްޗެކޭ މީއްޗެކޭ. ތީ ދަރިވަރުންގެ ބެލެނިވެރި ފަރާތުގެ ހާލު😪 ދިރާސީ އަހަރު ނުނިމިދާނެތީ ނިންމި ނިންމުމެއް. ބެލެނިވެރިއެއް އަދި ދަރިވަރެއްގެވެސް ލަފައެއް ނުހޯދާ. އަދި މިއުޅެނީ އެކުދިންގެ ކިޔެވުން ފަށައި ނުގަނެވިގެން. ފުރަތަމަ ސެމިސްޓަރ ގިނަ ކުދިންނަށް ކިޔެވިފައި ހުންނާނީ އެގޮތް މިގޮތައް. އެހެންނުވާނީ ދޭން ބުނި ޑޭޓާ ކޮޅުވެސް އެރީ ޖައްވަށް ކަމެއް ފަޒާއަށް ކަމެއްވެސް އެނގޭ މީހަކު ސަރުކާރަކު ނެތް. އަދި ކިރިޔާ ފޭސް ޓު ފޭސް ކުލާސް ފެށޭވަރުވީ އެވެސް އެޗްޕީއޭ އަށް ގޮން ޖަހާފަ. އެވަރުން ވެސް ގިނަ ކުދިން ކަރަންޓީނުގަ. މި ވަރުން ކިހިނެއް އެގްޒާމް ހަދާނީ؟ ތިއުޅެނީ ގިނަ ކުދިން މަތީ މާކްސް ހޯދީމަ ސްކޮލަރޝިޕްއަށާއި ގަދަ ދިހަ އަކަށް ދާ ދަރިވަރުން ގިނަ ވީމާ އެހާ ޚަރަދު ކުރެވޭނެ ފެންވަރު ވެސް ބަޖެޓްގަ ނެތިގެން ތަ؟ ތިކުޅެވެނީ މާދަމާގެ ޤައުމުގެ މުސްތަޤްބަލާ! ކޮވިޑްގެ މި ދަތި ޙާލަތުގައި ދެ ދުވަސް ތެރޭ އެގްޒާމް ފީ ނުދެއްކޭނެ ކިތައް ކުދިން އުޅޭނެ؟ ކިޔެއްވާނި ހުރިހާ ކުދިންނަށް ތިކަހަލަ ފޭކް އެގްޒާމް ދޭ އިރު މިފަހަރު ފްރީކޮށް ދިނިއްޔާ؟ އެތައް ކުދިންނެއްގެ އެތައް ގަޑިއެއް ގެއްލިފަ ވާއިރު އެ ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގަ ތައްޔާރު ވެވޭނެ ބާ؟ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމެވި ނިންމުވެމެއްތޯ؟ ރާއްޖޭގަ ތިބެނީ ހުރިހާ ކަމެއްގަވެސް މާމޮޅު މީހުން ވީމާ ވާގޮތް. ކުދިންނަށް ފައިދާވާނެ ތީ ދޯ އެޑެކްސެލް އިން އެގްޒާމް ލަސްކުރާނި. ރުޅި އަޔަސް ކޮމެންޓް ދިގު ވިޔަސް ކިޔަން ހުރީ އެއްޗެހި ހުސްނުވާނެ. މަގޭ ވަރަށް ވެދުން.

  17
 8. އޭލެވެލް ޕްރައިވެޓް ދަރިވަރު

  މިނިސްޓަރ.. ސްކޫލް ދަރިވަރުންނަށް ޓެކްސްފޮތް ދޫކުރާގޮތަށް އުސޫލެއްގެދަށުން ނަމަވެސް ޕްރައިވެޓް ކެންޑިޑޭޓުންނަށް އޭލެވެލް ޓެކްސްފޮތް ރިޓާންކުރާގޮތަށް ލިބޭނެގޮތެއް ހަދަވައިދެއްވަބަލަ. އެގްޒާމް ނިމުނީމަ ރިޓާން ކުރާނަމޭ. އަނގަޔާއަތާ ދިމާނުވެގެންއުޅޭއިރު ބޮޑެތި ޓެކްސްފޮތް ގަންނަން މިދުވަސްކޮޅު ވަރަށްދަތި.