އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމްގެ ސަސްޕެންޝަން އިތުރު ކުރަން މޯލްޑިވްސް ގޭސްގެ މައި ކުންފުނިކަމަށް ވާ އެސްޓީއޯއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީން ވަނީ އެ މައްސަލަ އާއި މެދު ކޮމިޓީގައި ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމަށް ފަހު އެ މައްސަލަ އާއި މެދު ބަލަން ޖެހޭ ކަންކަން ބެލުމަށް ނިންމާފައެވެ. އަދި އަލުން އެ މައްސަލަ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާ، މޯލްޑިވް ގޭސްގެ ހެރެސްމެންޓް ކޮމިޓީންނާއި ފުލުހުން އެ މައްސަލަ ބަލާ ނިމެންދެން އޭނާ ހުންނާނީ ސަސްޕެންޝަންގައެވެ.

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތު ކުރެވޭތީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް ލިމިޓެޑްގެ ބޯޑުން އެންމެ ފުރަތަމަ އިކްރާމް ސަސްޕެންޑް ކުރީ ދެ ހަފުތާ ދުވަހުގެ މުއްދަތަކަށެވެ. އިކްރާމްގެ މައްސަލަ ބޯޑަށް ހުށަހަޅާފައި ވާއިރު އެ މައްސަލައިގެ ހެއްކެއްގެ ގޮތުން އަންހެން މުވައްޒަފަށް އޭނާ ފޮނުއްވި ބައެއް މެސެޖްތައް ވެސް ވަނީ ހުށަހަޅާފައެވެ؛.

އަދި އިކްރާމްގެ ޖިންސީ ފުރައްސާރަ އާއި ގުޅުން ހުރި ޗެޓްލޮގްތަކެއް ވަނީ ލީކުވެފައެވެ.

މީސްމީޑިއާގައި ދައުރުވި ޗެޓްލޮގްތަކުން އޭނާ އެ އަންހެން މީހާ އާއި ބައްދަލުކޮށް 'ހަގް' އެއް ކޮށްލުމަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އެއީ އަންހެން މީހާ ނުދިނަސް އޭނާ އެންމެ ބޭނުންވާ ކަން ކަމަށް ވަނީ ބުނެފައެވެ.