ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު އެ ކޯޓުން ބާތިލް ކުރުމުން އެ އަމުރު އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރަން ދައުލަތުން ހުށަހަޅައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި ކަމުގެ ތުހުމަތުގައި ވަޒީރަކު މަގާމުން ވަކިކޮށް ޖިންސީ ކުށްތަކުގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރާވަޑައިގެން ދިޔައީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ވަޑައިގެންނެވީ ތުރުކީއަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލްކޮށް ފުރުމުގެ ހުއްދަ ދިން އަމުރު އިސްތިއުނާފް ކުރަން ހައި ކޯޓަށް ދައުލަތުން ހުށަހެޅުއްވީ ވެސް އަލީ ވަހީދު ފުރާވަޑައިގެން ދިޔަ ފަހުންނެވެ. އެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވިއެވެ.

ހައި ކޯޓުގެ އޮފިޝަލަކު ކަށަވަރު ކޮށްދެއްވި ގޮތުގައި ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރަޖިސްޓްރާގެ ނިންމެވުމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. އެކަމަކު އިސްތިއުނާފްގެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޝަރީއަތުގެ އަޑުއެހުންތައް ގެންދިޔައީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައެވެ. އޭނާގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލް ކޮށް ފުރުމުގެ ހުއްދަދީ އަމުރު ނެރުނު އަޑުއެހުމަކީ ވެސް ސިއްރުން ގެންދިޔަ އަޑުއެހުމެކެވެ.

އެހެން ވިޔަސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ލިޔުމެއް މީސް މީޑިއާއަށް ލީކުވެ ދައުރުވާން ފެށިއެވެ. އެ ލިޔުމުގައި ފުރަތަމަ އޮތީ ވެސް އަލީ ވަހީދު ފުރުވާލުމުގެ ހުއްދައަށް އެދުނީ ދައުލަތުން ކަމުގައެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ކަން ދޮގުކުރައްވައި ވިދާޅުވީ ދައުލަތުން ވަކާލާތު ކުރެއްވީ އަލީ ވަހީދު ފުރާވަޑައިގެންފިނަމަ ފިލައިގެން ދާނެ ކަމަށް ބަލައެވެ. އަދި ކްރިމިނަލް ކޯޓުން ވެސް ވިދާޅުވަނީ އެއީ ލިޔުމުގެ ކުށެއް ކަމުގައެވެ.

އަލީ ވަހީދު ފުރުވާލުމާ ގުޅިގެން ސަރުކާރަށާއި ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އަލީ ވަހީދު ފުރުވާލި ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅުމުންނާއި މައްސަލަ ބެއްލެވި ގާޒީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން ވެސް ޕީޖީއަށާއި ދައުލަތަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.