އެލްޖޭއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން އިސްވެ ހުންނަވައި އިންތިޒާމުކުރާ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަނީ ދައުލަތުގެ އިތުބާރު ހުރި އެހެން މުއައްސަސާއަކުން ބަހުސެއް ނުބާއްވާނަމަ ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ޝުޖާއު ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ކުރިއަށް ގެންދަވަން ނިންމަވާފައިވާ މި ޕްރޮގްރާމްގެ ޓީޒާ ވީޑިއޯއެއް ވަނީ އާންމު ކުރައްވައިފައެވެ. އަދި އެ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަށް ވެސް ޝުޖާއު ވަނީ ދައުވަތު ދެއްވައިފައެވެ.

މާލޭގެ މޭޔަރު ކަމަށް މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާންގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރެވެ.

ޝުޖާއުގެ މި ޓްވީޓް ރީޓްވީޓް ކުރައްވައި އަލްހާން ލިޔުއްވާފައިވަނީ ދައުލަތުގެ އިތުބާރު ހުރި އެހެން މުއައްސަސާއަކުން މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ބަހުސެއް ނުބާއްވާނަމަ އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ވާހަކަ ދަންނަވާ ކަމަށެވެ. އެހެންވިޔަސް އިދިކޮޅު ކެންޑިޑޭޓް މުއިއްޒަށް ޝުޖާއު އެންޑޯޒް ކުރައްވާފައިވާ ކަމަށް އަލްހާން ތުހުމަތު ކުރައްވާފައިވެއެވެ.

ޓްވީޓާ މެދުވެރިކޮށް މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވަނީ ވެސް ޑރ. މުއިއްޒެވެ. އެހެން ބަހުސެއް ނެތް ނަމަ އަލްހާން ވެސް މި ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު، ބަހުސްގައި ބައިވެރިވެވަޑައިގަތުމާ ގުޅޭ ގޮތުން އަނަސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީތަކުގެ މޭޔަރުން އިންތިޚާބު ކުރާނީ މުޅި ސިޓީގެ ރައްޔިތުން ވޯޓު ލައިގެންނެވެ. އެހެންކަމުން މާލޭގެ މޭޔަރު ވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އަށް ފަހު އެންމެ ގިނަ ރައްޔިތުން ވޯޓް ލައިގެން އިންތިޚާބު ކުރެވޭ މަގާމަށެވެ. އެހެންވެ މި އިންތިޚާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވަން ތާވަލުކުރި ކައުންސިލް އިންތިޚާބު އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދު ކުރުމާ ގުޅިގެނެވެ. އެއަށް ފަހު މި އަހަރުގެ މި މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު މިދިޔަ ފެބްރުއަރީއާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދެންމުމުން އިންތިޚާބު އިތުރަށް ފަސްވެގެން އައީއެވެ.

މިހާރު މަޖިލީހުން ވަނީ ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިޚާބު ބޭއްވޭ ގޮތަށް އިންތިގާލީ މުއްދަތުގެ ކައުންސިލްގެ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. އެކަމަކު އެ ވަގުތީ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާ އިންތިޚާބުގެ އުސޫލުގެ ބުރަ ބޮޑު ކަމުން މިހާރު ކަނޑައަޅާފައިވާ ތާރީޚަށް ވެސް އިންތިޚާބު ބޭއްވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ. މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.