ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ވަޒީފާތަކަށް 250 އަށްވުރެ ދިވެހިން ހޯދަން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީގެ އެކިއެކި ޕްރޮޖެކްޓް ސައިޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް އިއުލާނުކޮށްފައި ވަނީ މިއަދު އެވެ. އެގޮތުން، މިވަޒީފާތަކުގެ ވޯކް-އިން
އިންޓަރވިއުސް މާދަމާ އިން 11 މާރޗްގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. މި ދުވަސްތަކުގެ މެންދުރު 14:00 އިން 17:00 އަށް އިންޓަވިއު ކުރިއަށް ދާނެއެވެ.

އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ، އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގެ ވަޒީފާތަކަށް އެކަށިގެންވާ ދިވެހިން ނުލިބޭ ކަމަށެވެ. އަދި ދިވެހިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ތަމްރީންތައް ދެމުންގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެގޮތުން މިހާރު އަޅުގަނޑުމެން މި ހުޅުވާނީ 254 ވަޒީފާ، ދިވެހިން ހޯދުމަށް، މިއީ ވަރަށް ގިނަ ޓެކްނިކަލް ވަޒީފާތަކެއް". އާޒިމް ވިދާޅުވިއެވެ.

މި ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ، ހެވީ ވެހިކަލް އޮޕަރޭޓަރުން، ވެލްޑަރުން، ކާރޕެންޓަރުން، މޭސަނުން، މެކޭނިކުން އަދި އިންޖިނޭރުންނެވެ.

އެމްޓީސީސީން ބުނީ، މިވަޒީފާތަކަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ޓްރޭނިންގް ފުރުސަތުތައް ފަހިކޮށްދެވޭނެއެވެ. މިވަޒީފާތަކުގެ އެންމެ ކުޑަ އުޖޫރައަކީ 10،000
ރުފިޔާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއަކީ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ކުންފުންޏެކެވެ. އެގޮތުން މިވަގުތުވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 50 މަޝްރޫއުު އެބަ ހިނގަމުންދެއެވެ. އަދި 21 މަޝްރޫއެއް ކުރިއަށްއޮތް ދުވަސްތަކުގާ ފެށިގެންދާނެއެވެ. މީގެތެރެއިން 11 މަޝްރޫޢެއްގެ މަސައްކަތް މާރޗްމަހު އެކަނިވެސް ފެށޭނެއެވެ.

އެމްޓީސީސީން ބުނީ، ކުންފުނީގެ ޕްރޮޖެކްޓް ސައިޓްތަކުގެ ވަޒީފާތަކަކީ ދިވެހިންނަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެއް ކަމަށާއި، ކުންފުނީގެ އަމާޒަކީ ކުންފުންނީގެ މަސައްކަތްތަކުގައި ދިވެހި މުއައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުން ކަމަށެވެ.

އާޒިމް ވިދާޅުވިގޮތުގައި، މި ވަޒީފާތަކަށް ޝައުގުވެރިވާ ރަށްރަށުގައި ދިރިއުޅޭ ދިވެހިންނަށްވެސް އެ ފުރުސަތު ދޭނެއެވެ. އެގޮތުން އެ ފަރާތްތަކުން އެމްޓީސީސީ ސައިޓް ނޫނީ މީސް މީޑިއާގެ ޕްލެޓްފޯމް މެދުވެރިކޮށް ސީވީ އާއި އެހެނިހެން ލިޔުންތައް ފޮނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގައި މިހާރު ވަޒީފާ އަދާކުރާ 2183 މުއައްޒަފުންގެ ތެރޭގައި ގިނައީ ދިވެހި މުއައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިވަގުތު ވަޒީފާ ފަހަތުގައި ލޯކަލްކައުންސިލް އިންތިހާބު ، ވޯޓު ވޯޓު ވޯޓު ވޯޓުު ވޯޓު ތިލަފަތަށް ވޯޓު ދިނުން ހިތްހަރާމް

    38
    3
  2. މިޗެ

    ވޯޓު!

    30
    1
  3. ޖަނާޒާ

    ކަލޯ ، ތިޔަ ޖަހަނީ މީގެ ކުރިން އިންތިޚާބުތަކަށް ، މައުމޫނު ޖަހާލިކަހަލަ ބޮޑު ގަޑައެއް. ތިޔަ ޗަރުކޭސް މިހާރު އެނގޭ ދިވެހިންނަށް!

    38
    3
  4. Anonymous

    ކޮން ވަޒީފާއެކޭ ކިޔާކަށް ... ކަލޭމެން މިހާރު ސިވިލް ސާވިސްގެ ވަޒީފާތައްވެސް އާއިލާ މީހުންނަށާ މުއްސަނދިންނަށް ވިއްކަނީ. ނިކަމެތި މީހާ ބުރަ މަސައްކަތުން ކޯސް ހަދައިގެން މާސްތާސް ނިންމިޔަސް ވަޒީފާ ނެތި އުމުރު ހުސްވަނީ. ކޮބާ ތިޔަ ބުނާ ހަމަހަމަ ކަން. ޙަމުގެ ކުލަޔާ މުއްސަނދި ކަމަށާ ބަލާފަ ނުނީ ވަޒީފާ ނުދެ. ޙެއްވާކަމަކީ ތި ސިވިލްސާވިސް ވަޒީފާ ތަކުގަ ތިބެނީ އޯލެވެލް ނިންމާފަ ތިބޭ ކޮލިފިކޭޝަނެއް ނެތް މީހުން. ... ހުސް އޯލެވެލް ނިންމާފަ ތިބޭ ތަނެއް ދޮރެއް ނުދަންނަ މީހުން