މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ވަކި ކެންޑިޑޭޓަކަށް "އެންޑޯޒް" ނުކުރައްވާ ކަމަށާއި ކެންޑިޑޭޓުންގެ ބަހުސް ކުރިއަށް ދާނީ އިންސާފުވެރިކޮށް ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވިދާޅުވެއްޖެއެވެ.

ޝުޖާއު ހުސައިން އިސްވެ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސެއް ބާއްވަން ދަނީ އިންތިޒާމު ކުރަމުންނެވެ. މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަށް ވެސް އޭނާ ވަނީ ދައުވަތު ދެއްވައިފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރާއި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި، އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހްމީއެވެ.

މީގެ ތެރެއިން މުއިއްޒު އެ ދައުވަތު ގަބޫލު ކުރައްވާފައިވާއިރު، އަލްހާން ވިދާޅުވެފައިވަނީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ އިތުބާރު ހުރި ދައުލަތުގެ އެހެން މުއައްސަސާއަކުން ބަހުސެއް ނުބާއްވާ ނަމަ ކަމަށެވެ. އަދި ޝުޖާއު ހުސައިން، މުއިއްޒު އެންޑޯޒް ކުރައްވާފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

މިކަން ދޮގު ކުރައްވަމުން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އެއްވެސް ކެންޑިޑޭޓަކު އެންޑޯޒް ނުކުރައްވާ ކަމަށެވެ. އަދި އޭނާ ދެއްވި ދައުވަތު ގަބޫލު ކުރެއްވީތީ އަލްހާނަށް ޝުކުރު އަދާ ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަހުސް ކުރިއަށް ދާނީ އިންސާފުވެރިކަމާ އެކުގައި،" ޝުޖާއު ލިޔުއްވާފައިވެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގެ މަތިން ސިޓީތަކުގެ މޭޔަރުން އިންތިޚާބު ކުރާނީ މުޅި ސިޓީގެ ރައްޔިތުން ވޯޓު ލައިގެންނެވެ. އެހެންކަމުން މާލޭގެ މޭޔަރު ވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އަށް ފަހު އެންމެ ގިނަ ރައްޔިތުން ވޯޓް ލައިގެން އިންތިޚާބު ކުރެވޭ މަގާމަށެވެ. އެހެންވެ މި އިންތިޚާބުގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ބާއްވަން ތާވަލުކުރި ކައުންސިލް އިންތިޚާބު އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ފަސްވެގެން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދު ކުރުމާ ގުޅިގެނެވެ. އެއަށް ފަހު މި އަހަރުގެ މި މަހު އިންތިޚާބު ބާއްވަން މަސައްކަތް ކުރިއެވެ. އެކަމަކު މިދިޔަ ފެބްރުއަރީއާ ހަމައަށް ސިއްހީ ކުއްލި ހާލަތު ދިގުދެންމުމުން އިންތިޚާބު އިތުރަށް ފަސްވެގެން އައީއެވެ.

މިހާރު މަޖިލީހުން ވަނީ ސިއްހީ ކުއްލި ހާލަތު އުވާނުލިޔަސް އިންތިޚާބު ބޭއްވޭ ގޮތަށް އިންތިގާލީ މުއްދަތުގެ ކައުންސިލްގެ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. އެކަމަކު އެ ވަގުތީ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާ އިންތިޚާބުގެ އުސޫލުގެ ބުރަ ބޮޑު ކަމުން މިހާރު ކަނޑައަޅާފައިވާ ތާރީޚަށް ވެސް އިންތިޚާބު ބޭއްވިދާނެ ކަމާ މެދު އޮތީ ސުވާލު އުފެދިފައެވެ. މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރ

    އިލެކްޝަން ގާނުޫނުން މިކަން މަޖްބޫރުކުރަން ޖެހޭ 2013 ގައި ފަހުބުރުގައި އަންނި އަކަށް ނިކުރެނު ބަހުސްގައި ބައިވެރިވާކަށް އަދި 2018 ގައި އިބޫ އަކަށް ވެސް ނުކެރުނު ބަހުސް ބައި ވެރިވާކަށް ޔާމިން އެކަނި ނުކުމެ ހުރީ ވެރިޔަކަށް އަންނަ މީހެއްގެ ގަޓް ހުންނަ ވަރެއް ވެސް ބެލޭނީ ބަހުސުން މިކަން ލާޒިމް ކުރަން ޖެހޭ

    13
    2
  2. ރާރާ

    ތީތި ކުރިޔަށް ގެންދާނީ ޕީއެސްއެމް އިންތަ؟

    • މަރުމޯލް

      ޗެނެލް 13 އިން