ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާ ބިލްތަކުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ބިލްތައް އެކުލަވާލުމުގެ މަސައްކަތް ލަސް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް "ވަގުތަށް" މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ފޮނުވަން ޖެހޭ ބިލްތައް ކުރިއަށްގެންދާ ސްޕީޑާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

މަބްރޫކް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް މަދުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. މަބްރޫކް ވިދާޅުވީ މަޖިލިހުން ކުރާ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވާ ކަމަށެވެ.

" ސަރުކާރުގެ ލެޖިސްލޭޓިވް މަސަައްކަތްތަކުގެ ތެރޭގައި ފޮނުވަން ނިންމީ 201 ބިލް. 76 ބިލް މަޖިލީހަށް ފޮނުވާ. 61 ބިލް ތަސްދީގު ކުރައްވައިފި. 15 ބިލް މަޖިލީހުގެ މަރުހަލާގައި ވެއްޖެ. އޭގެ އިތުރުން ވެސް ޕާޓީ ތެރެއިން ހުށަހަޅަން ވެސް ފޮނުވާފައި ވެއްޖެ. 40 އިންސައްތަ އަށް ވުރެ މަތި ފޮނުވުނު އަދަދު. އެހެންވީމަ ދެ އަހަރު ނިމުނު އިރު ޓައިމްލައިން އާ އެއްގޮތަށް އެބަ ދެވޭ ކުރިއަށް." މަބްރޫކް ވިދާޅުވިއެވެ.

މަޖިލީހަށް ފޮނުވަން ހުރި ގިނަ ކަންކަމަކީ ފައިސާއާ ގުޅުން ހުރި ކަންކަމަށް ވުމުން އެފަދަ ބިލްތަކުގެ މަސައްކަތް ކުރެވޭނީ ސަރުކާރަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ބަންޑާރަ ނައިބު އާ އެކުގައި އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަށް ލިބެން ހުރި ބިލްތަކަކީ ކޮބައިތޯ ސާފު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ވަޒީފާ އެއް ނެތް މީހުންނަށް އިނާޔަތެއް ދިނުމުގެ ބިލުގެ މަސައްކަތް އަވަހަށް ހިންގުން އެއީ ސަރުކާރުު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން އަވަހަށް ކުރަން ބޭނުންވާ ކަމެއް ކަމަށާއި، އެ މަސައްކަތްތައް އަވަސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާ ބަައްދަލުކޮށްގެން މަސައްކަތް ކުރަން ރައީސް ނަޝީދު ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަމަ

    މަބްރޫކް މަސައްކަތް ލަހެއް ނޫން ބިލްތަކުގެ 40 އިންސައްތަ ކިޔަންހުއްޓާ ކަންނޭގެ ދައުރު ހަމަވާނީވެން އެހެންވީމަ އިތުރު ދައުރެން ބޭނުންވާނެ

    10
  2. އަބްދޫ

    ގާނޫނެއްނެތި ތިޔަ ފައިސާ ދީފައިވާނަމަ އެއީ ގާނޫނުއަސަސީގެ 97 އައި 250 އާއި މާލިއްޔަތުގެ ގާނޫނާއި ހިލާފު ވުމެއް.އެފައިސާ ހަރަދުކުރުމުގެ ޒިންމާ ބަޔަކު އުފަުލަންޖެހެނެ.

  3. މަސްއޫދު

    ދޮގުހަދާ މެސިން