ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އަލުން އިއުލާންކޮށްފިއެވެެ.

މިއީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ހަރަކާތްތެރިވުމަށް އޮފިޝަލުން ހޯދުމަށް އިއުލާންކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކުރިމަތިލާ އިލެކްޝަން ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅުއްވާކަށް ޖެހޭނެ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ.

އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ ފުރިހަމަ ވާން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ގާބިލް މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

އެކޮމިޝަނުން ވަނީ އެ އިއުލާނުގައި ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިޝަލުންގެ މަގާމާއި، އެމީހުުންގެ މުސާރަވެސް އާންމުކޮށްފައެވެ.

މިގޮތުން ވޯޓުލާ މަރުކަޒުގެ ވެރިއަކަށް ހަމަޖައްސައިފި ނަމަ 1800 ރުފިޔާ، ވެރިޔާގެ އެހީތެރިއަކަށް 1600 ރުފިޔާ، މަރުކަޒުގެެ އޮފިޝަލަކަށް 1500 ރުފިޔާ، ގުނާ އޮފިސަރަކަށް 1200 ރުފިޔާ، ރިޒާވް އޮފިޝަލަކަށް 500 ރުފިޔާ އަދި ކިއު ސުޕަވައިޒަރަކަށް 1000 ރުފިޔާގެ އިތުރުން އޮފިޝަލަކަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މިކަަމަށް ހާއްސަކުރެވިފައިވާ ފޯމު [email protected] އަށް ފޮނުވުމަށް އެދޭކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެެފައެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް އިން ލިބެންހުންނާނެއެވެ.