ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި ޝާހިދު ދެއްކެވި ވާހަކައިގައި 1976 ގައި އޯއައިސީ އާ ގުޅުނު ފަހުން ރާއްޖެއިން އެހެން މެމްބަރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީ އާއި، މޫސުމީ ބަދަލުތަކާއި، އާއްމު ސިއްހަތާއި، އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހަރަކާތްތައް ހުއްޓުުވުމާއި ޓެރަރިޒަމް އާއި އަދި މުސްލިމުންގެ ހައްގުތައް، ޚާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭގޮތުން ވަކާލާތު ކުރުމުގައި، ރާއްޖެއިން މަސައްކަތް ކުރާކަން ޝާހިދުގެ ފާހަގަކުރެއްވިއެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަށް ނުވަ ވަނަ އަހަރު އޯއައިސީ އުފެދުނުފަހުން އެ ޖަމިއްޔާއިން މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތުކުރަމުން އަންނަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން ދެމެހެއްޓެނިވި ގޮތެއްގައި އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، އދ.ގެ އާއްމު މަޖިލީހުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި މަލްޓިލޭޓަރަލް ސިސްޓަމް ވަރުގަދަކޮށް، ގައުމުތައް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ޝާހިދު ވަނީ ނަން-އެލައިންޑް މޫވްމަންޓްގެ ފަރާތުން އދ.އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި ބޮޓްސްވާނާ، ސައޫދީ އަރަބިއްޔާ، ނޯވޭގެ ޚާރިޖީ ވަޒީރުންނާ މި ހަފްތާގައި ވާޗުއަލްކޮށް ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަނާޒާ

    ހިބަރުވަދުގައި ވޯޓް ހޯދާނެގޮތް، ހޯއްދަވަންތޯ! ތިޔަ ބައްދަލުކުރައްވަނީ

  2. ސަލާން

    އަހަންނަށް ހެޔޮ ކަލޭ ހަނދައް އެރިޔަސް...