އައްޑޫސިޓީ މީދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވި 24 ގަޑިއިރުގ ތެރޭގައި އެ ސިޓީގެ މީދޫން އިތުރު މީީހަކު ފައްސިވެފައިވާ ކަމަށާއި މިއީ އެ ރަށުން ބައްޔަށް ފައްސިވެފައިވާ 14 ވަނަ މީހާ ކަމަށެވެ.

ހުޅުމީދޫގައި ކޮވިޑް-19ގެ ދެ އިހާ މިވަގުތު އުޅޭއިރު، އެމްޓީސީސީ ކްލަސްޓާއިން ފައްސިވި މީހުންގެ އަދަދު ވަނީ 35 އަށް އަރާފައެވެ. މިއާއި އެކު ހުޅުމީދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 49 އަށް އަރާފައެވެ.

މީދޫން އިތުރު ބަޔަކު ކޮވިޑު-19 އަށް ފައްސިވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ހުޅުދުއާއި މީދޫގައި ހަތް ދުވަހަށް ކާފިއު ހިންގުމަށް ނިންމާފައެވެ. އަދި އެ ކާފިއު މުއްދަތު ހަމަވެގެން އެޗްޕީއޭއިން ވަނީ ކާފިއުގެ މުއްދަތުވެސް އިތުރު ކޮށްފައެވެ.

ހުޅުދޫ އާއި މީދޫގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8 އިން ފަތިހު 4 ޖެހުމާ ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުމަކީ ވެސް މަނާ ކަމެއް ކަމަށާއި ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި އެއް ގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފިހާރާތަކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.