ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވެފައި ވަނީ ހޮޅި ވައުދުތަކެއް ކަން ރައްޔިތުން ގަބޫލު ކުރާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އިއްޔެ ވިދާޅުވެއްޖެއެވެ.

ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީން ރައްޔިތުންނަށް ވި ވައުދުތައް ހަނދާން އެބަ ހުންނެވި ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ހާސިލުވާ ތަން ނުފެންނާތީ އެއީ ހޮޅި ވައުދެއް ކަން މިއަދު އެންމެން ވެސް ދަންނަ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އަދި ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ހަޤީގަތެއް ރައްޔިތުންނަކަށް އޮޅުވައި ނުލެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

"ރައީސް ޔާމިންގެ ޚިދުމަތް، ފުއްދެވި ވައުދުތައް މިހިރީ ފެންނަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެޅި ހިޔާ ފްލެޓުގެ ފޮޓޯއަކާ އެކު ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޣައްސާން އެގޮތަށް ވިދާޅުވި އިރު، ކުރީގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓުތައް މި ސަރުކާޜުން ދިން ގޮތާ މެދުގައި އާންމުންގެ ޝަކުވާ ބޮޑެވެ.

ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ހުޅުވާލައި ފްލެޓު ލިބޭނެ ކަމުގެ ލިޔުން އެތައް ބަޔަކަށް ދިނެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް ފްލެޓު ކޮމިޓީއެއް އުފައްދައިގެން މައްސަލަ ބެލުމަށް ފަހު ކުރިން ފްލެޓު ލިބުނު ބައެއް މީހުންނަށް މިފަހަރު ފްލެޓު ނުލިބެއެވެ. އެހެންވެ، ގިނަ ބަޔަކު ދަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ކުރީގެ ލިސްޓުތަކެކޭ އެއްގޮތަށް މި ލިސްޓުތަކާ މެދު ވެސް ކަންބޮޑުވުންތަކެއް އެބަހުރި ނަމަވެސް ފްލެޓް ކޮމިޓީން ބުނަނީ މިފަހަރުގެ ލިސްޓުގައި ތިބޭނީ އޭރުގެ ސަރުކާރުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް މާކްސް ދީގެން ފްލެޓު ހައްގުވާ މީހުން ކަމަށެވެ. އަދި މިފަހަރު ފްލެޓު ހައްގުވާ މީހުންނަށް ފްލެޓު ނުލިބިވާ ކަން ގަބޫލު ކުރާ ކަމަށް ވެސް ފްލެޓު ކޮމިޓީން ކުރިން އޮތީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަނު

    ހަހަހަހަ 🤣🤣އަސްލުވެސް ތީހަމަތެދެއް...

    11
    2
  2. ހުސެން

    ވަ އުދަކީ ކޯ އްޗެ އްކަންވެސް ނޭނގޭނެ އެކަހަލަ އަބޫޖަހުލު ބަ އިގަނޑަކަ އް ފަ އިސާފެނުނީމަ ދީންމަތިން ހަނދާން ނެތޭ ބަ އިގަނޑެ އް....