މިއަހަރުގެ މިހާތަނަށް 200،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމައަށް ރާއްޖެއަށް 200،871 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 140،818 ދަށް އަދަދެކެވެ.

މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ފަތުރުވެރިން ދަނީ އަންނަމުންނެވެ. ކޮވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުންދާކަމަށް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 46،541 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއަން ފެޑެރޭޝަނުންނެވެ. އެގައުމުން 42،417 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ރާއްޖޭގައި މިހާރު އަންނަނީ 663 ޓޫރިސްޓު ފެެސިލިޓީއެއްގައި 45،083 އެނދު އޮޕަރޭޓުކުރަމުންނެވެެ. އޭގެ ތެރޭގައި 148 ރިސޯޓަކާއި، 11 ހޮޓެލަކާއި، 140 ސަފާރީއެއް އަދި 364 ގެސްޓުހައުސް އެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެެވެއެވެ.

މިދިޔަ އަހަރުގެެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެެރިގެން ޖުމްލަ އަދަދަކީ، 555،494 އެެވެ. މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވަައިރަހާ ގުޅިގެެން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ފަތުރުވެރިން އައުން އެއްކޮށް ވަނީ މެދުކެެނޑިގެން ގޮސްފައެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.