އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީން ވެސް ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ކަންކަން ކުރައްވަމުން ގެންދެވިތަން ފެނުނީ އެއް ފަރާތަކަށް ޖެހިފައި ތިބެގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއް އެވެ.

ކުރިއަ އޮތް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ސިޔާސީ ޕާޓީތައް ރެގުޔުލޭޓުކުރާ ފަރާތެއްވާ ކަމަށާއި ރާއްޖޭގައި އެކަންކުރަނީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވާތީ އެކޮމިޝަނުން ގާނޫނީ އިމުގެތެރެއިން އަންގާއެންގުމަށް ކޮންމެ ޕާޓީއަކުން ވެސް ކިޔަމަންވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ އިތުބާރު ގެއްލުން. ރާއްޖޭގައި މިތިބި އެއްވެސް ބޮޑު ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީތަކެއްނޫން. އެމީހުން ހަމައެކަނި ބުނަނީ ތިމަންނަމެންނަކީ ޑިމޮކްރަޓިކް ޕާޓީއޭ ހަގީގަތަކީ އެއްވެސް ޕާޓީއަކީ ޑިމޮކްރަޓިކް ޕާޓީއެއްނޫން،" އޭނާ ވިދާޅުވިއެވެ.

"ކޮންމެ ޕާޓީއެއްވެސް މިހިންގަނީ ޓެކްސް މަނީ (ފައިސާ) ގައި. ދައުލަތުން ބަޖެޓުދީގެން ހިންގަނީ ޕާޓީ. އެހެންވީމާ ތިމަންނަމެންގެ ޕާޓީން ކަންކުރާނެގޮތް އެނގޭނީ ތިމަންނަމެންނަށޭ ބުނާ ވާހަކައަކީ މުޅިން ރަނގަޅުވާހަކައެއްނޫން ހަގީގަތުގައި" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން އޮންނަ ގޮތެއްވެސްނޫން ކަމަށެވެ. ކޮންމެ ގައުމެއްގައިވެސް އޮންނާނެ ޕާޓީތައް ރެގިޔުލޭޓު ކުރާތަނެއް. ރާއްޖޭގައި މިއޮންނަނީ އިލެކްޝަންސް ކޮމިޝަން ކަމަށާއި ގިނަ ގައުމުތަކުގައިވެސް އޮންނަނީ އެގައުމެއްގެ އިލެކްޝަންސް ކޮމިޝަން ކަމަށެވެ.

އުމަރު މިހެން ވިދާޅުވެފައިވާއިރު އިދިކޮޅުފަރާތްތަކުން ބުނަމުންދަނީ އިންތިހާބުގެ ކުރިން އާ އިލެކްޝަން ކޮމިޝަން އެއް އެކުލަވާލާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ވީމާ އިލެކްޝަން ކޮމިޝަން މިނިވަންކުރުމަށް ހުދުވަލަކާއި ހަރުގަނޑެއް ހިފައިގެން ގޮސް ފުޅައްމަތިން އަރާ!