އަންނަ ހުކުރު ދުވަހު ބާއްވާ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ އިންތިޚާބުގެ ވޯޓު ރާއްޖެއިން ކާމިޔާބު ކުރާނެކަމަށާއި، އިންޑިއާގެ ވޯޓުވެސް ރާއްޖެއަށް ލިބޭނެކަމަށް މިގޮނޑި ކާމިޔާބުކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކެމްޕޭން ކުރެއްވުމަށް ނިއުޔޯކްގައި މިވަގުތު ހުންނެވި ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ވަރަށް ބޮޑު ކެމްޕޭނެއް ކޮށްފައިވާކަމަށެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ އަވަށްޓެރިކަން ދުވަހަކުވެސް ނައްތާނުލެވޭނެކަމަށާއި، އިންޑިއާއިން ވެފައިވާ ވައުދާއި ޚިލާފްވާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރައްވާކަމަށެވެ.

"ރާއްޖެއިން މިކެމްޕޭންގައި ދެއްކި ވާހަކަތަކާއި ހުށަހެޅި ކަންކަން ޤައުމުތަކުން ވަނީ ބަަލައިގެންފައި އަދި ދުނިޔޭގެ ހުރިހާ ބައްރަކުންވެސް ތާޢީދު އެބައޮތް" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ އދއަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ބައިވެރިވުން އޮންނަ، އެންމެ ޑިމޮކްރެޓިކް ޖަމާޢަތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށެވެ.

މި ގޮނޑިއަށް އިންޑޮނީޝިއާ ވެސް ކުރިމަތިލާފައިވާތީ ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ގުޅޭގޮތުން ރާއްޖެ ޓީވީއިން ސުވާލު ދެންނެވުމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ރާއްޖެއާއި އިންޑޮނީޝިއާއަކީ ގާތް ރަހުމަތްތެރި ދެޤައުމުކަމަށެވެ.

"އިންޑޮނީޝިއާއަކީ ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމެއް, ކެމްޕޭން ވާދަވެރިކޮށް ދިޔަނަމަވެސް ދެޤައުމުގެ ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ, ރާއްޖެފަދަ ކުޑަ ޤައުމަކަށްވެސް ފުރުސަތު ލިބެން ޖެހޭނެކަމަށް އދގެ މެމްބަރު ޤައުމުތަކުން ޤަބޫލުކުރާކަމަށާއި، އިންޑޮނީޝިއާއިން މީގެ ކުރިން 3 ދައުރެއްގައި އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން އަދާކޮށްފައިވާތީ، މިފަހަރު ރާއްޖެއަށް ފުރުސަތު ދިނުމަށް ޤައުމުތަކުން ވިސްނާނެ" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ ގޮނޑިއަށް އެންމެ ފުރަތަމަ ކުރިމަތިލީ ރާއްޖެއިންކަމަށްވީތީވެސް ގޮނޑި ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެންމެ ގިނަ ބަޔަކު މިހާރު ސުވާލު އުފައްދަނީ އިންޑިއާއިން ވޯޓު ދޭނެ ގޮތަކާއި މެދުއެވެ. އިންޑިއާއިން ރާއްޖެއަށް ވޯޓުދޭނެކަމަށް ކުރިން ބުނެފައިވީނަމަވެސް ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާއި ދެެމެދު ގުޅުން ގޯސްވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަނދުވާ

    މާތްﷲގެ އިރާދަފުޅުން ގޮނޑި މިރާއްޖޭގެ މިސަރުކާރަށް ކާމިޔާބުވާނެ.

  2. ޗިއްލޫ

    އަލިފްދާލަކީ ބޭކަރު ޖަމާއަތެއް، އެމެރިކާ ބޭނުންގޮތަކަށް ގައުމުތަކަށް އަރާ ލޫޓްވާއިރު ކޮބާއލިފްދާލު؟؟؟ އިޒްރޭލުން ހިންގާ ގަތުލުއާންމު ނުފެންނަނީތަ؟؟؟ އަލިފްދާލުން އެކަން ހުއްޓުވަންބޭނުމިއްޔާ ނޭޓޯ ސިފައިން ފޮނުވާ އެކަންތައް ހުއްޓުވަންޖެހޭނަ!!! އަލިފްދާލަކީ އެމެރިކާ ބޭނުންގޮތަކަށް މޮޑެންއޮތް ފުއްގަނޑެއް!!!!!!!!!

  3. އަވަސް.

    އ.ދގެ މި ގޮނޑި ރާއްޖެއަށް ކާމިޔަބުވުމަކީ ރާއްޖޭގެ ކުދިބޮޑު ހުރިހާ މީހުންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއްކަުގައި އަހަރެން ޤަބޫލުކުރަމެވެ.

  4. ގާދިރު

    ﷲއިރާދަކުރެއްވިއްޔާމިއަނިޔާވެރިސަރުކާރައްއެއްވެސްބަޔަކުމަދަދުވެރިނުވާނެ