ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާ މީހުންނަށް ހާއްސަކޮށް ޕާސްޕޯޓެއް ތައާރަފް ކުރަން ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ވެކްސިން ނުޖަހާ ނަމަ ކުރިއަށް އޮތް ތަނުގައި ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހުން ގާތް ކަމަށެވެ. ނަސީމް ވިދާޅުވި ގޮތުގައި، ކުރިއަށް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެކެވެ.

ވެކްސިން ޖަހާ މީހުން ދެނެގަނެވޭނެ ފަދަ ގޮތަކަށް ބައިނަލްއަގުވާމީ ގައުމުތަކުން އެކި ފިޔަވަޅުތައް އަޅަމުންދާ އިރު، ކުރިއަށް އޮތް ތަނުގައި އެހެނިހެން ގައުމުތަކުން ވެސް ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުން އެނގޭނެ އިންތިޒާމު ހަމަޖައްސަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ،" އެމަނިކުފަނު ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ އެންމެންވެސް ވެކްސިން ޖެހުމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވައިފައެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ވެކްސިން ދިނުމެވެ. އެގޮތުން މިހާތަނަށް އައިއިރު އެއް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އެޗްޕީއޭ އިން މިހާރު ވަނީ އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ހުޅުވާލައިފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިން ޖެހޭ އެންމެންނަށް ހަ މަސް ތެރޭގައި ދެ ޑޯޒު ފުރިހަމަކުރުމެވެ.

ރާއްޖެ އިން މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 64 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށީ އިންޑިއާ އިން ދިން ކޮވިޝީލްޑްގެ 100،000 ޑޯޒް ވެކްސިނުންނެވެ. އެ ވެކްސިން ހުސްވާން ގާތްވެފައި ވަނިކޮށް އަނެއްކާވެސް އެ ގައުމުން ވަނީ އިތުރު 100،000 ޑޯޒު ދީފައެވެ. ޗައިނާ އިން ވެސް އޮތީ ރާއްޖެ އަށް ވެކްސިންގެ 200،000 ޑޯޒު ހަދިޔާކުރަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މަ

    ވެކްސިން ހިލޭ.. ވަކި ޕާސްޕޯރޓެއް ހައްދަވާނެ ކަމެއް ނެތް. ސްޓޭމްޕް އަކުން އެހެނިހެން ވެކްސިން ޖެހިކަން އެނގެން ހުންނަ ގޮތަށް މިވެކްސިންވެސް ހައްދަވާ.

    24
    3
  2. ރައިސް

    ވެކްސިން ނުދޭ 18 އަހަރުން ދަށުގެ ކުދިން އެކަނިތޯ ދެން ކަރަންޓީނުގައި ތިބެނީ؟؟؟ މިކުދިންނަން އޮތީ ކޮންގޮތެއް؟؟

    35
    1
  3. ާމިނަތު

    ދެން މާބަނޑު މީހުން ނޯ؟؟
    ވެކްސިން ޖެހޭކަށް ނެތް؟؟
    😔

    25
  4. ޒާ

    ތީ ކެމްޕެއިން ސްޓަންޓެއް.

    27
    2
  5. އަނިލް

    ތިޔަ އުޅެނީ ވެކްސިން ހިލޭދެވުނަތީވެ ރައްޔިތުންގެ އަތުން ލާރި ކޮޅެއް ކާލެވޭނެ ގޮތެއް ހޯދަނީ

    30
    3
  6. ލުޠުފީ

    ވެކްސިން ޖަހަން އޭ ފޯ ސައިޒުގެ ގަނޑެއް ފުލްކޮށް އޮންނަ ފޯމެއް ފުރަންޖެހޭ ކަމަކަށް އަހަރެން ނުދެކެން. ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން މިހާރު ހޮސްޕިޓަލްތަކުގައި ރެކޯޑް ކުރެވިފައިވާ އެނގެން އޮންނާނެ. އެނޫން މީހުން ކޮންމެހެން ބައްޔަކަށް ޓެސްޓުކުރަންޖެހޭނަމަ ވެކްސިންޖަހަންދިއުމުން ޓެސްޓް ކޮށްފަ ވެކްސިން ޖަހައިދިނީމަ އެ ނިމުނީ. މިފަދަ ޙާލަތެއްގައި ވެކްސިނަކީ މިހާރު ގެންގުޅޭ އުސޫލަށްވުރެ ލުއިފަސޭހަކޮށް ޖެހެން އޮންނަންވާނެ އެއްޗެއް.

    20
  7. ނުރަބޯ

    މާރޗް 2020ން ފެށިގެން 1 އަހަރު ވަންދެން އަނބިދަރިން ކައިރިއަށް ނުދެވިފަތިބި އަހަރެމެން ރިސޯޓްތަކުގަ ވަޒީފާ އަދާކުރާ މީހުން އަދި މިއުޅެނީ ފުރަތަަމަ ޑޯޒްވެސް ޖެހޭނެ ދުވަހެއް ނޭންގިގެން. ޤަވާއިދާ ޚިލާފަށް އުޅޭ ބޭރުމީހުން މާދަން 2ވަނަ ޑޯޒް ހަމަކޮށްގެން އަނެއްކަވެސް އެއްވެސް ލިޔެކިޔުމެއްނެތި އެއްވަޒީފާއިން އަނެއް ވަޒީފާއަށް.

    40
  8. ......

    ރާއްޖޭ ގެ %80 ވެކްސިން ނުޖަހާ ކަމަށްވާއިރު ސަރުކާރުން ބޭނުމަސް ވެކްސިން ޕާސްޕޯޓްނެތަސް ކަރަންޓީން ވާން ނިޖެހޭނެކަމަށް ޑިމޮކްރަސީ ބުނެދެނީ...މަޖްބޫރުން ޖަހުވަން ތިއުޅެނީ ކީއްވެޔޯ...

    27
    2
  9. ނާޅި

    1980 އަހަރުތަކުގައި އެންމެ ފުރަތަމަ އޭޑުސް ބަލި ރާއްޖެ އިން ފެނުނު ދުވަސް ވަރު ޑޮކްޓަރުން ބުނަމުން ދިޔައީ އޭޑުސް ބަލި ޖެހިފައިވާ މީހަކު ބޭނުން ކުރާ ކޮޓަރިއާއި ފާހާނާ އެހެން މީހަކު ބޭނުން ކޮށްލިޔަސް އޭޑުސް ބަލި ޖެހިދާނެކަމަށް ، އެކަމަކު ފަހުން އެއީ އެގޮތަށް އަރާބައްޔެއް ނޫނޭ ބުނީ 😄

    16
    1
  10. ޢާންތު

    ޕާސްޕޯޓެކޭ ލާރިގަޑެއް ލިބުނީ ސަރުކާރަށް ...

    14
    1
  11. ސސ

    ފައްޅި ތަކާއި ޔޯގާ މީހުން ސަފުހަދާ ގޮތަށް މިސްކިތުގައި ސަފު ހަދައިގެން ކޮވިޑް ފިލާނެބާ ؟

    15
    3
  12. މަބޭ

    ޢިންޑިޔާގަ 2ޑޯޒްވެސްސިން ޖެހިބަޔަކައް މިހާރުއެއުޅެނީ ކޮވިޑްޖެހިގެން މަނިކުފާނު ކީކޭތޯތިކިޔަނީ ހަމައިގަތޯ

    17
    3
  13. މެޑަމް ފާތު

    ވާ ވަރަށް ކެވުނީތޯ؟ ކޮބާ ވެންޓިލޭޓަރުތައް؟ މަސްއޮޑިއަށް އިހުތިރާމު ނުކޮށްގެން ބުންވެފަތަ ތިހުންނަނީ...

    9
    1
  14. ވަތަން އެދޭގޮތަށް

    ވެކްސިން ޖެހުން މަޖުބޫރު ނުކުރައްވާ އެއީ ޑިމޮކުރަސީ ފަދަ ތަހުޒީބީ މުޖުތަމައެއްގައި ކަންހިނގާ ގޮތެއް ނޫން.

    12
    2
  15. މަންޑޭ

    އެހެން މީހުންގެ މިނިވަންކަމަށް އިޙުތިރާމް ކުރުމަށް ގޮވާލަން

  16. ހ މ ޒ

    ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ يدقدرة ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

  17. ކަރަންޓީނު

    ކަރަންޓީނު ވާން ނުޖެހޭނެ ކަމެއް ނެތް ބުނެފަކާ ނަސީމް ތި ލިޔުމުގަ

  18. ސަމީރާ

    ދެން ތި ވެކްސިން ޖަހަން މަޖުބޫރު ކުރަނީ ތާ ދޯ

  19. ކޯވިޝީލްޑް 5000

    ތިޔަބުނަނީ ކޯވިޝީލްޑް ވެކްސިން ޖެހިޔަސް ބަލި ޖެހެޔޭ %20 މީހުންނަށް ، ވެކްސިންގެ ބޭނުމަކީ ބަލި ސީރިޔަސްވުމުން ސަލާމަތްކޮށްދިނުމޭ. ޢެ %20 އިންސައްތަ ނޭނގި ކުޑަކުދިންނާއި މާބަނޑުމީހުން ވެކްސިން ނުޖަހާ ހުއްޓަ ކަރަންޓީނު ނުވެ ދަތުރުކުރަން ހުޅުވާލާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ޥެކްސިން ޖަހަންދާ ދިވެހިން
    މަދުވާތި ބިރުދެއްކުމުގެ އުކުޅެއްތީ. ލާރި ދީގެންވެސް ކޯވިޝީލްޑު ނޫން އެހެން ވެކްސިން ޖެހުމުގެ ފުރުސަތު ދިނުން މުހިންމު، ހިލޭވެސްދެވޭނެ އަސްލު، ކޮބާތަ ޗައިނާއިންދިން 100000 ޑޯޒް؟

  20. ޅަވް މޯލްޑިވްސް

    ޙެލްތު މިނިސްޓަރަކަށް ގައުމަށް ގައްދާރު ވެފަ ބަދުނާމް ކޮއްފަ ހުރި ބޭފުޅަކު އަރާ ހުންނަވައި ދައްކަވާ ވާހަކަ ގަބޫލް ކުރަން ދަތި.

  21. ސުމާ

    މިބެއްޔާ އަކީ އިޒުރޭލް މީހުން ލޮލުގެ ޑރ ނޭކިޔައިން ރާއްޖެ އެތެރެ ކުރުމުގެ ޖަރީމާ ހިންގި ބޭބޭ!
    ބެއްޔާ އެއުޅެނީ ވެކްސިން ޖެހިމީހުން އަތުން ލާރި ނަގަން، ސޯ،. ހިއަރ އިޓް ގޯސް:
    ވެކްސިން ޖެހުން ހިލޭ އެކަމް ވެކްސިން ޖެހި ކަމުގެ ލިޔުން (ޔައުނީ) ސޯކޯލްޑް ވެކްސިން ޕާސްޕޯރޓް 500/- އަށް ، ހުސޭނުބެ އަހިފި، ކީއްވެތޯ ޕާސްޕޯރޓް ހަދަން އަނެއްކާ 500/-؟ މިބެއްޔާ ބުނާނޭ، ބަލަ ހުސޭނުބޭ، ވެކްސިން ހިލޭ، މިޕާސްޕޯރޓް ވެސް ހިލޭ ހަދާ ދެނީ އެކަމު ހުސެނުބެ ޖެހޭނެ ފޮޓޯ އަކާ 500/- ރެވެނިއު ސްޓޭންޕެއް ގެން ނަވަން!! އެއީ އެ500/ރ އަކީ!!!!!