ސިނަމާލެ ބްރިޖުގައި ފަސް ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖުގައި ހަތަރު ކާރާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު 12:15 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ހިމެނޭ ފަސް އުޅަނދު ދުއްވި މީހުންނަކީ ވެސް "އީ" ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށާއި މި އެކްސިޑެންޓުގައި ފަސް ވެހިކަލަށް ވެސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓު ހިނގީ ދުއްވާފައި ދިޔަ ކާރެއްގެ އިންޖީނު ހޫނުވެގެން ސިގްނަލް ދީ އެއް ފަރާތުގައި މަޑުކޮށްގެން އޮއްވައި ފަހަތުން އައި އުޅަނދުތަކެއް ޖެހިގެން ކަމަށެވެ.

ފަހަކަށް އައިސް ސިނަމާލެ ބްރިޖުގައި އެކްސިޑެންޓުތައް ހިނގުން ކޮންމެވެސް ވަރަކަށް ވަނީ އިތުރުވެފައެވެ. ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އަންނަ އެއް ސަރަހައްދަކީ ވެސް ސިނަމާލެ ބްރިޖާއި ލިންކް ރޯޑެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބައިޑެން

    ބުރިޖު އަދި ބުރިޖާ ގުޅިފަ އޮންނަ ރިންގު ރޯޑު ގަ ސައިކަލް ލޭނުގަ ކާރު ދުއްވަމުން ، ކާރު ލޭނުގަ ސައިކަލް ދުއްވާތީ ގިނަ ކާރު ޑުރައިވަރުން ދުއްވަނީ މަގުގެ މެދައް ވާ ގޮތައް. އެހެން ދި މާ ވާ ސަބަބަކީ ކަނާއް ފަޅީގަ ދުއްވާނީ ވާތް ފަޅީ ގަ ހުންގާނު އިންނަ ވެހިކަލްތައް. ވާތް ފަޅިން ދުއްވާނީ ކަނާއް ފަޅީ ހުންގާނު އިންނަ ވެހިކަލް ތައް. ރާއްޖޭ ގެ ގަވައިދު ބުނާ ގޮތުން ދުއްވަން ޖެހެނީ މަގުގެ ވާތް ފަޅިން.

  2. އަހުމަދު

    ހުއްޓާފަ އޮއްވާ ގޮސް އަރާނީ ވަރަށް ބަލައިގެން ދުއްވޭތީ