ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން އައްޔަން ކުރައްވައިފިއެވެ.

ފަޒީން މި މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައެވެ.

ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަ ވީޑިއޯ ޖާނަލިސްޓްގެ މަގާމެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފަޒީނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލިހުން ފާސް ކުރީ 55 މެމްބަރުންގެ ވޯޓުންނެވެ.

ބްރޯޑްކޮމްގައި މެންބަރެއްގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ކުރީގެ މެމްބަރު ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނީރާ

    މަރުހަބާ ފަޒީން ކޮއްކޮ. ކުރިއަށް އޮތް މަޖިލިހުގެ އިންތީޚާބަށް ފަޒީނުގެ އަތް ބަނދެލިޔަސް ދާއިރާދެކެ ލޯބިވާ ރަށްދެކެލޯބިވާ ދާއިރާއަށް އުފަން ރަށަށް އުފަން އެތައް ދަރިންނެއް އެނަތިބި. ހަމައެކަނި އެއަރޕޯޓް އެޅުމަކުން ރައްޔިތުމީހާ ރުހޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް. އަދި ހަމައެކަނި ދާއިރާގެ މުއްސަނދިންނާ ނުފޫޒުގަދަ މީހުންގެ އަޑު އަހާލާފައި ފަނޑިޔާރުންނަށް ފާރަވެރިވުމަކުންނެއް ދާއިރާގެ ގޮޑީގެ މަސްއޫލިއްޔަތު އަދާކުރެވުނީކަމަށް ހީކުރުމަކީވެސް އެހައިމެ މޮޔަކަމެއް.