ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ދަރިވަރުން ދިހަ ދުވަހުގެ ޗުއްޓީއެއް ފަށައިފިއެވެ.

ދިވެހިރާއްޖެ ރަސްމީ ސްކޫލްތަކުގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތަށް ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށްވެސް މިއަދު ރިޕޯޓް ފޮތް ދެމުންދާއިރު، މާދަމާއިން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެއީ ފުރަތަމަ ޓާމްގެ ޗުއްޓީއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2018 ޖޫން 18 ވާ ހޯމަ ދުވަހުއެވެ.

ނަމަވެސް މިއަހަރު ގްރޭޑް ދިހައެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ސްކޫލްތަކުން ކަނޑައަޅާ އުޞޫލެއްގެ މަތިން ބަންދުގެ ތެރޭގައިވެސް ކިޔަވައިދޭނެ އެވެ.

ރާއްޖޭގެ 200 އަށްވުރެ ގިނަ ސްކޫލްގައި 80000 އަށްވުރެ ގިނަ ދަރިވަރުންނަށް ތައުލީމު ހާސިލު ކޮށްދިނުމަށް 6000 އަށްވުރެ ގިނަ މުދައްރިސުން ހަރަކާތްތެރި ވާއިރު، ސްކޫލުތައް ޑިޖިޓައިޒްކޮށް، ދެ ވަނަ ޓާމުން ފެށިގެން ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ނިންމާފައިވާ އިރު، ހުރިހާ މުދައްރިސުންނަށް "ޓެބްލެޓް" ދިނުމުގެ މަސައްކަތް މިހާރުވެސް ބާރު މިނެއްގައި ކުރިއަށް ދެއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެންނަވާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، މިއަހަރުގެ ތެރޭގައި ޕްރީސްކޫލް މުދައްރިސުން ދާއިމީ ކުރުމާއި، ޓްބްލެޓް ބޭނުން ކޮށްގެން ކިޔަވައި ދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭން ހާއްސަ ޓީޗަރުން ތަމްރީނު ކުރުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު