ކޮވެކްސް އިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް ހަދިޔާކޮށްފިއެވެ.

ކޮވެކްސްއަކީ، ފަގީރު އަދި މުއްސަނދި ޤައުމުތަކުގެ މެދުގައި ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އުފެއްދި އިނީޝިއެޓިވްއެކެވެ. މި އިނީޝިއެޓިވް އުފައްދާފައިވަނީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސީއީޕީ) އައި، ގްލޯބަލް އެލާޔަންސް ފޯރ ވެކްސިން އެންޑް އިމިއުނައިޒޭޝަން (ގަވީ)، އަދި ޔުނިސިފް އިން ގުޅިގެންނެވެ.

މި އިނީޝިއެޓިވް އިން ކޮވިޝީލްޑް ވެކްސިންގެ 12,000 ޑޯޒް މިއަދު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މީގެ ކުރިން ވެސް ވެކްސިން ޖަހަން ބޭނުންކުރާ 100,000ސިރިންޖު އަދި އެހެނިހެން އާލަތްތައް ވަނީ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 ވެކްސިން ދިނުމުގައި ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު،ނިސްބަތުން ބޮޑުކުރިއެރުމެއް ރާއްޖެއިން ހޯދަމުން އަންނަ ކަމަށް ހެލެތަ މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ޖުމްލަ 145,768 އަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދީފައެވެ.

ސަރުކާރުގެ އަމާޒަކީ، ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ އެހެނިހެން ޤައުމުތަކުގެ މީހުން ހިމެނޭގޮތަށް އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއެކުރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމެވެ.

ކޮވިޝީލްޑަކީ ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އޮކްސްފޯޑް އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދަފައިވާ ވެކްސިންނެވެ.