މި އަހަރު ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅުނު މައްސަލަތައް ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ފުލުހުންނަށް 596 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 15 ދުވަހު ހުށަހެޅިފައިވަނީ 556 މައްސަލަ ކަމަށެވެ.

ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، މި ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ދުވާލުގެ ވަގުތުގައި ކައިގެން ފުލުހުންނަށް ހުށަހެޅުނު ހަތް މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި މި ބާވަތުގެ 15 މައްސަލައެއްގައި 18 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ރަމަޟާން މަހު އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށާއި، އެގޮތުން ވައްކަމުގެ 127 މައްސަލަ މިއަހަރު ހުށަހެޅިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހެޅިފައިވަނީ ވައްކަމުގެ 109 މައްސަލަ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ވައްކަމުގެ މައްސަލަތަކުގެ ގޮތުގައި ހުށަހެޅިފައިވަނީ ކުދި ވައްކަމުގެ މައްސަލަތައްކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މައްސަލަތައް މަދުކުރުމަށް އާންމު ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ. އެގޮތުން ނިދުމުގެ ކުރިންނާއި އަދި ގެއިންބޭރަށް ދިއުމުގެ ކުރިން ދިރިއުޅޭ ގެ ނުވަތަ އެޕާޓްމަންޓްގެ ހުރިހާ ދޮރެއް ރަނގަޅަށް ތަޅުލެވުނުކަން ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވައެވެ.

"ގޭގައި ހުންނަ އަގުބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކުރުމާއި، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ބެންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެގޮތުން އެޅިދާނެ ފިޔަވަޅެކެވެ. އަދި ފޯނާއި ޓެބްލެޓާއި ލެޕްޓޮޕް ފަދަ ތަކެއްޗާއި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިންމު ތަކެތި ހާމަ ތަންތަނުގައި ނުބަހައްޓައި ރައްކާކުރުމަކީވެސް މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް" ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މައްސަލަތަކަކީ ވަރަށް ރޭވިގެން ކުރަމުންދާ ކަމަކަށްވުމުން، ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ރައްޔިތުންގެ ފުރިހަމަ އެހީތެރިކަން ދެއްވުމަށްވެސް ފުލުހުން އިލްތިމާސް ކުރައްވައެވެ. ހަމަ އެއާއެކު ފުލުހުންގެ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު