ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އޮންލައިންކޮށް އިންޑިއާ ވިސާއަށް އެދެވޭ ގޮތް ހަދައިފިއެވެ.

އިންޑިއާ ވިސާ ހޯދުމަށް އޮންލައިންކޮށް އެދެވޭ ގޮތަށް ހަދާފައިމިވަނީ ގިނަ އަދަދެއްގެ ދިވެހިން އިންޑިއާ އަށް ބޭސް ފަރުވާއަށް ދިއުމަށް ވިސާ ފޯމު ހުށަހެޅުމަށް ރޭގަނޑު 9:00 ގެ ފަހުން އިންޑިއާ ހައިކޮމިޝަން ކައިރީ ކިޔުހަދައިގެން ތިބޭ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ.

އޭރު އެފަރާތްތަކުން ބުނެފައިވަނީ ވިސާ ފޯމް ހުށަހަޅަން ކިއުގައި ޖެހެން ޖެހެނީ އޮންލައިންކޮށް ވިސާ ފޯމް ހުށަހެޅުނު ނަމަވެސް ލިޔެކިޔުންތަކުގެ އަސްލް އިންޑިއާގެ އެމްބަސީއަށް ހުށަހަޅަން ޖެހޭތީ ކަމަށެވެ.

ބޭސްފަރުވާ އަށް އިންޑިއާ އަށް ދަތުރު ކުރަން ޖެހޭ ދިވެހިން ވިސާ ހޯދުމަށް އިންޑިއާ އެމްބަސީ ކުރިމަތީގައި ކިއުގައި ގިނަ އިރު ތިބެން ޖެހޭ މައްސަލަ އަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަން އިންޑިއާގެ ހައި ކޮމިޝަނުން ހާމަ ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވިސާ އަށް އެދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ނިޒާމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން، އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފޯމ ފުރުމަށްފަހު، އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވެއެވެ.

މި ބަދަލާއިއެކު އެޕޮއިންޓްމެންޓް ހެއްދެވުމަށް އެބޭފުޅުންގެ ހޮޓްލައިން ނަމްބަރު 7563947 ބޭނުން ނުކުރެވޭނެ ކަމަށާއި ހައި ކޮމިޝަނުން ފިޒިކަލް އެއްވެސް ޓޯކެންއެއް ދޫނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެން ފެށުނު ހިސާބުން އިންޑިއާގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ.

އެކަމަކު، އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިވެހިންނަށް އިންޑިއާ އަށް ބޭސްފަރުވާ އަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އެގޮތުން މިހާތަނަށް 5،000 މެޑިކަލް ވިސާ ދޫކޮށްފައިވާ އިރު، މި އަހަރު އެކަނި ވެސް 2،000 މެޑިކަލް ވިސާ ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު