އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 67 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ 18:00 އާއި ހަމައަށް ޖުމްލަ 67 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

އެ ސެންޓަރުން ބުނީ މިއަދު އެ ސިޓީން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވާ ކަމަށާއި އެންމެ ފަހުން އެ ސިޓީން ފައްސިވެފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ކަމަށެވެ. އެއީ އެސިޓީގެ ހުޅުމީދޫއިން ފައްސިވެފައިވާ އެކަކު ކަމަށް އެ ސެންޓަރުން ބުންޏެވެ.

މި ބަލި ޖެހިގެން މިހާތަނަށް 67 މީހަކު ރަނގަޅުވެފައިވާއިރު، 25 މީހަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ފަހަކަށް އައިސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފައްސި ވޭދަނައެއް ފެނިފައި ނުވާއިރު، އެ ސިޓީން ކޮންމެ ދުވަހެއްގެ މަތިން އަންނަނީ ސުންކު ނަގަމުންނެވެ. އެގޮތުން މިއަދު ނެގި 67 ސުންކު އާއި އެކީ މިއަދާއި ހަމައަށް ނެގި ސުންކުތަކުގެ އަދަދު ވަނީ 3978 އަށް އަރާފައެވެ.

އައްޑޫސިޓީން ވޭދަނަތަކެއް ފެނިފައި ނުވާތީ މިވަގުތު އެސިޓީގައި އިއުލާނު ކޮށްފައިވާ ކާފިއު ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު