އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީ އަންނަ މަހު ހުޅުވަން ނިންމައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އައްޑޫ ޕޮލިސް އެކަޑަމީ ހުޅުވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ ކުރީކޮޅެވެ.

ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގައެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގައެވެ.

އެންމެ ފުރަތަމަ ދިވެހި ސަރުކާރުން އެދިފައިވާ ގޮތަށް އެ މަރުކަޒު އަޅަން ނިންމީ ޅ. ދިއްފުށިމާދޫގައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ޔާމީންގެ ސަރުކާރުގައި ތިން ފަހަރެއްގެ މަތިން އެ މަރުކަޒު އަޅާނެ ތަން ބަދަލު ކުރިއެވެ. ޖުލައި 2013 ގައި ޅ. ދިއްފުށިމާދޫގެ ބަދަލުގައި އެ އަތޮޅު މާބިންހުރާގައި އެ އެކަޑަމީ އެޅުމަށް މަޝްވަރާ ކުރެވުނެވެ. ދ. ވާނީގައި އެޅުމަށް ވެސް އޭރުގެ ސަރުކާރުގައި މަޝްވަރާ ކުރެވުނެވެ. އެންމެ ފަހުން އައްޑޫގައި އަޅާ ގޮތަށް އެއްބަސްވުމަކަށް އައިސްފައިވަނީ ފެބްރުއަރީ 2014 ގައެވެ. އެންމެ ފަހުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އަދި ޑީއެންއޭ ނަމުގައި މިހާރު އިސްލާހީ ހަރަކާތެއް ފައްޓަވާފައިވާ އުމަރު ނަސީރެވެ.

އިންޑިއާއިން ފޯރުކޮށްދޭ 31 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ އެ މަޝްރޫއުގެ ދަށުން ގާއިމު ކުރުމަށް ހަމަޖެހިފައިވާ ބައެއް ތަންތަނުގެ ތެރޭގައި ފުލުހުންނާއި ގާނޫނު ތަންފީޒު ކުރާ އެކި އިދާރާތަކުގެ އޮފިޝަލުން ތަމްރީން ކުރާނެ ކްލާސް ރޫމްތަކާއި އޮޑިޓޯރިއަމްތަކާއި ފެކަލްޓީތައް ހުރެއެވެ. އަދި ކެޑޭޓުން އުޅެވޭ ގޮތަށް ރެޒިޑެންޝަލް ކޮޓަރިތަކާއި، ފުލުހުންގެ އިސް އޮފިސަރުންނާއި ލެކްޗަރާއިން ތިބެވޭނެ ރެޒިޑެންޝަލް އެޕާޓްމަންޓްތައް ގާއިމުކޮށްފައިވެއެވެ. ފުޓުބޯޅަ އާއި ބާސްކެޓް ބޯޅަ އާއި ޓެނިސްގެ އިތުރުން ސްވިމިން ޓްރެކެއް ވެސް ހިމެނެއެވެ.

އައްޑޫ ޕޮލިސް އެކެޑެމީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެއިތުރުން ބަޑީގެ ތަމްރީންތައް ދިނުމަށް ހާއްސަ ސަރަހައްދަކާއި ފިހާރަތަކާއި ސައި ހޮޓާތަކާއި ބޭންކިންގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ދެވޭނެ ވަސީލަތްތަކާއި އިމާރާތްތައް އަޅާފައިވެއެވެ.

އެކަޑެމީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ.

ޕޮލިސް އެކަޑެމީ އަކީ، އިންޑިއާގެ މިލިޓަރީ ބޭހެއް ހިންގުމަށް އިމާރާތް ކުރާ ތަނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެކުރިން އޮތީ އަޑު ފެތުރިއެވެ. އެކަމަކު، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ވަނީ އެކަން ދޮގުކޮށްފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާގެ ސަރުކާރާއި އޭރުގެ ސަރުކާރުން ގާއިމް ކުރި އެއްބަސްވުމަށް ބަދަލެއް ގެނެސްފައި ނޯންނާނެއެވެ. އެއްބަސްވުމަށް އައި ހަމައެކަނި ބަދަލަކީ ފުލުހުންގެ އެކަޑަމީއެއް ގާއިމް ކުރާނެ ރަށް އެކަނި ކަމަށް ވިދާޅުވިއެވެ. އެ ބަދަލުތައް ގެނެސްފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގައި އެ ސަރުކާރުން ބޭނުންވި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޭސް

    ދެން އަންނާނީ އިންޑިއާގެ ލޯކަލް ވިޔަފާރިތައް، ދެން މިބިން ވާނީ އިިންޑިއާގެ ބިމަކަށް ހުއްދަނުލާ ދިވެހިންނަށް ނުވަދެވޭނެ،

    17
    3
  2. ހުސެން

    އައްޑޫ އިންޑިއަން ބޭސް

    19
    1
  3. ޒާ

    ކިހާ އަވަހަކަށް ހުޅުޖަހާނެބާ

    14
    2
  4. ބޭރުމީހާ

    އެއީ އައްޑޫ ޕޮލިސް އެކަޑަމީ އެއްނޫނެވެ. އެއީ އިންޑިޔާއިން ގާއިމްކުރާ މިލިޓަރީ ބޭހެކެވެ. މިރާއްޖޭގައި ގާއިމްވެފައިވާ ޕޮލިހުންގެ މަރުކަޒު ތަކުގައި ހުންނަނީ ފުލުހުންގެ ކުލައެވެ. އައްޑޫގައި ހުރި ތިޔަބުނާ ތަނެއްގައި ހުރީ އިންޑިޔާ ސިފައިންނާއި ފުލުހުންގެ ޔުނިފޯމުގައި ހުންނަ ކުލައެވެ. އަދި އެތާގައި ހުރި ކުލަޔަކީ އިންޑިޔާގައި ހުންނަ އެވެރިންގެ ސިފައިންނާއި ފުލުހުންގެ މަރުކަޒުތަގައި ހުންނަ ކުލައެވެ. މިވަރުންވެސް އެއީ ކޮންބައެއްގެ ތަނެއްކަން އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެއެވެ.

  5. ރާއްޖެ

    ތިއީ އައްޑޫގަ ހުންނަ އިންޑިއާ ސިފައިންގެ ބޭސް. ތިތތަނުގަ އަބަދުވެސް އިންޑިއާ ސިފައިން ތިބޭނެ.

  6. މުބީން

    އިންތިހާބް ކާރިވާވަރަކަށް ހާދަ އައްޑޫގެ އަޑު ގަދައޭދޯ. އެހެންތާ ވާނީ މިގައުމުގައި ތިބި ގަމާރުންގެ ސިޓީވީޔާ ތީ