ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުންގެ ލިސްޓުގައި ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވުރެ ކުރިއަށް ބާސެލޯނާ އާއި އާޖެންޓީނާގެ ފޯވަޑް ލަޔޮނަލް މެސީ ޖެހިލައިފިއެވެ.

"ފޯބްސްއިން" ނެރުނު މި ލިސްޓުގައި މެސީ ހިމެނިފައިވަނީ އެންމެ މުއްސަނދި ދެވަނަ އެތްލީޓުގެ ގޮތުގައެވެ. އެއްވަނައިގައި ވަނީ 285 މިލިއަން ޑޮލަރު ލިބޭ މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާއެވެ. ކުރިން މި ލިސްޓުގެ ދެ ވަނާގައި އޮތް ރޮނާލްޑޯ އަށް މި ފަހަރު ލިބިފައިވަނީ ތިންވަނައެވެ.

އެ ލިސްޓުގައިވާ ގޮތުން ރޮނާލްޑޯގެ އާމްދަނީ އަކީ އަހަރެއްގެ މައްޗަށް 80 މިލިއަން ޕައުންޑެވެ. އަދިި މެސީގެ އާމްދަނީ އަހަރެއްގެ މައްޗަށް 82 މިލިއަން ޕައުންޑެވެ.

އެންމެ އަގުބޮޑު އެތްލީޓުންގެ ލިސްޓުގައި ރޮނާލްޑޯ އަށްވުރެ ކުރިއަށް މެސީ ޖެހިލި މައިގަނޑު ސަބަބަކީ ބާސެލޯނާއިން މި އަހަރު އޭނާގެ ކޮންޓްރެކްޓް އާކުރުމާއި، ދުނިޔޭގެ އެންމެ މުސާރަބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ އަށް މެސީ ހަދާފައިވުމެވެ.

މި ސަބަބަށްޓަކައި މީގެ ކުރިން ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑުން އޭނާގެ މުސާރަ މެސީގެ މުސާރައާއި އެއްވަރަށް ނުވަތަ އެއަށްވުރެެއް ބޮޑަށް ބޮޑު ނުކޮށްދީފިނަމަ ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ބުނެފައެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފަސް ފަހަރު ހޯދާފައިވާ ދެ ކުޅުންތެރިންގެ ތެރެއިން މެސީއަށް މުސާރަ އާއި ބޯނަސްގެ ގޮތުގައި ލިބެނީ އަހަރަކު 59 މިލިއަން ޕައުންޑެވެ. މީގެ އިތުރުން ޕެޕްސީ އާއި އެޑިޑާސް ފަދަ ކުންފުނިތަކުން ލިބިފައިވާ ފުރުސަތުތަކާއެކު މެސީގެ އާމްދަނީ ބޮޑުވެފައިވެއެވެ.