ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ފަހު ލިބުނު އެއް މަސް ދުވަހުގެ ޗުއްޓީއަށް އިތުރު ދެ ހަފުތާ އިތުރުކޮށް، ބަރަކާތްތެރި ރަމަޟާން މަހަށް ފަހުގައި މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހަށް ފަހުގައިކަން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރު ކުރިއަށް ދާނީ މި މަހުގެ ފުރަތަމަ ހަފުތާ އިން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ވާގޮތުން ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހެނީ އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު ކަމަށެވެ.

ގަވާއިދުގައި ވާ ގޮތުން މިއަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޯމަ ދުވަހު ނުވަތަ މިއަދު ފަށަން ޖެހެއެވެ. ނަމަވެސް މަޖިލީހުން ވަކި ގޮތަކަށް ކަނޑައަޅައިގެން ދައުރުގެ ޖަލްސާ ފަށާ ތާރީހަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ފަސް ވަނަ މާއްދާގެ (ހ) އިން މަޖިލީހަށް ލިބިދީފައިވެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައ ބާއްވާފައިވަނީ ދައުރުން ބޭރުގައި ބޭއްވި ދެ ޖަލްސާ އާއެކު ޖުމްލަ 13 ޖަލްސާއެވެ.  މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭ މައްސަލައިގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުން ބުނަމުންދަނީ މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ މިންވަރަށް ނުބޭއްވެނީ އިދިކޮޅު މެންބަރުން ޖަލްސާ ތަކުގައި ބައިވެރި ނުވާތީ ކަމަށެވެ. ނަމަވެސް ސިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެންބަރުން ބުނަމުންދަނީ ސަރުކާރުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލައި މަޖިލިސް ހުއްޓުވާފައިވާ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާ 12 މެންބަރުންގެ މައްސަލަ ސްޕްރީމް ކޯޓުގައި އޮތް އިރު އެ މައްސަލައިގައި ވަނީ ގޮތެއް ނިނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުބުނާނަން

    ހުރިހާކަމެއް ނިންމަނީ މިހާރު ނިހާންތަ