ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 54 އަށް އަރައިފިއެވެ.
ފުވައްމުލައް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށާއި، މިހާރު އެ ސިޓީގައި ފައްސިވެގެން ފަރުވާދެމުންދާ 10 މީހަކު އެބަ ތިބި ކަމަށެވެ.
ފުވައްމުލަކުން ކޮވިޑަށް ފައްސިވި 44 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ފުވައްމުލަކުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު، އެ ސިޓީން މިހާރު ކޮވިޑަށް ފައްސިވަމުން ދަނީ ފައްސިވި މީހުންނާއި ގާތުން އެއްތާވި މީހުންނެވެ. އެ ސިޓިގައި މިހާރު ކޮވިޑްގެ ތިން އިހަލެއް ވަނީ އެފެދިފައެވެ.
ފުވައްމުލަކުގައި ކޮވިޑް ފެތުރެމުން ދާތީ ބަލި ކޮންޓްރޯލް ކުރަން ވަނީ ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. ފުވައްމުލަކަށް އަރައި ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.