ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު، އިންޓަނެޓް މެދުވެރިކޮށް ބެލެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކޮށްފައިވާ ހާއްސަ ސިސްޓަމް މޯލްޑިވްސް އެޑިއުކޭޝަން މޭނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް (މީމީސް) ބޭނުންކޮށްގެން މަދަރުސާތަކުގެ 90 އިންސަތަ ރިޕޯޓް ކާޑު މިޓާމުގައި ހަދާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ކޮންސަލްޓެންޓް މުސާ އާދަމް ވިދާޅުވީ މަދަރުސާތަކުގެ 90 އިންސައްތަ ރިޕޯޓް ކާޑް ހެދީ މީމިސް ބޭނުންކޮށްގެން ކަމަށާއި ކުރިއަށް އޮތް ޓާމުގައި އަމާޒަކީ ހުރިހާ ގްރޭޑެއްގެ ރިޕޯޓްކާޑުތައް މީމިސް ބޭނުންކޮށްގެން ހެދުން ކަމަށެވެ.

މޫސަ ވިދާޅުވީ ގިނަ ޓީޗަރުންތަކެއް އެއްފަހަރާ މީމިސް އަށް ވަނުމުން ލޯޑްވުމުގައި ޓީޗަރުންނަށް ދަތިވި ކަމަށާއި އެހެންނަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

"ގްރޭޑް އަށެއް ނުވައެއް ދިހައެއްގެ ނުވަތަ މަތީ ގްރޭޑްތަކުގެ ރިޕޯޓް ފޮތްތައް މިބުރުގައި މީމިސް ތެރެއަކުން ނުގެންނަން. އެހެންނަމަވެސް އަންނަ ޓާމްގައި މިއަށް އިތުރު ގްރޭޑްތައް އިތުރުކުރަމުން ގެންދާނަން." މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޓީޗަރުންގެ ފަރާތުން ލިބޭ "ފީޑްބެކް" އަށް ބަލައި ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ އެންމެ ފުރަތަމަ މަހުގެ ތެރޭގައި ވެސް ދަރިވަރުން ސްކޫލަށް ހާޒިރުނުވާ މިންވަރު 30 ޕަސެންޓަށް ދަށްކުރެވުނުކަމަށެވެ.

މީސް މީޑިއާގައި މީމިސްއަށް މައްސަލަތަކެއް ދިމާވެގެން ޓީޗަރުން މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ކުރިއިރު މިއަދު ރިޕޯޓް ކާޑު ދޫކުރެވޭނެތޯ ވެސް ބައެއް ޓީޗަރުން ސުވާލު އުފެެއްދި އެވެ. ނަމަވެސް ކުރިން ވެސް ކަނޑައާޅާފައިވާ ގޮތަށް މިއަދު ހުރިހާ ސްކޫލުތަކުން ވެސް ރިޕޯޓް ކާޑް ދޫކުރި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީމިސް ތައާރަފް ކުރީ މިދިޔަ އަހަރު ޖުލައި މަހުއެވެ. މި ސިސްޓަމް މެދުވެރިކޮށް ސްކޫލުތަކާއި ދަރިވަރުންނާއި އަދި މުއައްޒަފުންގެ މައުލޫމާތު އެއްކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބަލާލުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީއަށާއި ސުކޫލުތަކާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން ދަރިވަރުންނަށްވެސް ލިބިގެންދާނެ އެވެ. މި ނިޒާމުގެ ދަށުން ދަރިވަރުން ސުކޫލަށް ހާޒިރީ ބެލުމާއި ދަރިވަރުން ކިޔެވުމާއި ސިއްހަތުގެ މައުލޫމާތުވެސް ބެލެން ހުންނާނެ އެވެ.

ގިނަ ގައުމުތަކުގައި މީމިސް ފަދަ ސިސްޓަމްތައް ބޭނުންކުރަނީ ޑޭޓާ ކަލެކްޓް ކުރުމަށެވެ. އެޑިއުކޭޝަން އިން ބުނާ ގޮތުގައި އެ ސިސްޓަމް މެދުވެރިކޮށް މި ސަރަހައްދުގައި ވެސް ރިޕޯޓް ފޯމް ތައްޔާރު ކުރަނީ ރާއްޖެ އިން އެކަނި ކަމަށެވެ. ގޮންޖެހުންތަކާ ކުރިމަތިވަނީ މިއީ އަލަށް ފަށައިގެން އުޅޭ ކަމަކަށް ވުމުން ކަމަށް އެމިނިސްޓްރީން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނގަޅު

    ޓީޗަރުން ގަނަތެޅިގެން މިކަން ކޮއްދިނޭ ކިޔާފަ ވެސް އިތުރު ގަޑީގެ ލާރިކޮޅު ދިނިއްޔާ ކީއްތަ. ރޭ ހަތަރުދަމު ކުޑަ ކުޑަ ދަރިން ގެޔަށް އެކަނި ދޫކޮށްލާފަ ގޮސް ސްކޫލްގައި ތިބެގެން ރިޕޯޓް ފޮތްތައް ނިމުނީ. އެލާރިކޮޅު ނުދޭތާ މިހާރު ފާޑެއްގެ ޓެބުލެޓު ތަކެއް ގެނެސްގެން އެޔަށް ގޮތެއް ވެއްޖިއްޔާ އޭގެ އަގު ވެސް ދޭން ޖެހޭ އެބަ.