ރައްޔިތުންގެ މަޖިލީހަށް މި ދުވަސްވަރު އެންމެ ގިނަ ސިޓީ އާއި ޝަކުވާތައް ލިބެމުން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކާ ގުޅޭ ޝަކުވާތަައް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް މި ދުވަސްވަރު ވަރަށް ގިނަ ސިޓީ ލިބެމުންދާ ކަމަށެވެ. އަދި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މަޖިލިހަށް ލިބޭ ސިޓީ ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކޮމިޓީތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނު އެންމެ ހިތްހަމަޖެހިވަޑައިގަންނަވަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ކުރިއަށްދާ ހައުސިން މައްސަލައިގެ ދިރާސާ ކަމަށެވެ. އެކަމުގެ މައްޗަށް ވަރަށް ފުން ދިރާސާއެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދެން އެންމެ ގިނައިން ލިބޭ އެއް ބާވަތަކީ ޖަލުތަކުގައި ތިބި ގައިދީންގެ ފަރާތުން މައާފު ކުރުމާއި އަދަބު ލުއިކޮށްދިނުމާ ގުޅޭ ގޮތުން ލިބޭ ސިޓީއެވެ. އެ ކަމުގެ މައްޗަށް ފުން ދިރާސާއެއް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މި މައްސަލަ ދިރާސާކޮށް ތަފްސީލީ ރިޕޯޓެއް ހެދުމަށް ޖުޑިޝަރީ ކޮމިޓީއަށް އެމަނިކުފާނު އެންގެވިއެވެ.

"ޖުޑިޝަރީ ކޮމިޓީއިން ހިންގަން ޖެހޭ އެއް މަސައްކަތަކީ ޖަލުގައި ތިބި އެންމެން ހޯދައި އެ އެންމެންގެ ކުށަކީ ކޮބައިތޯ އާއި ވަނަވަރަކީ ކޮބައިތޯ އަދަބު ލުއިކޮށްދެވެން އެބަ އޮތްތޯ، ޖުޑިޝަރީ ކޮމިޓީއިން އެންމެ ފުން މިނަށް ދިއުމަށް ދާން(ޖެހޭ)،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހަށް މިހާރު ލިބެމުންދާ ސިޓީތަކުގެ ތެރެއިން ގިނަ ސިޓީއަކީ ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން އަންނަ ސިޓީތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، ކުރީގެ ސަރުކާރުގައި ފްލެޓްތައް ދޭނެ މީހުން ކަނޑައެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ "އިންސާފުން ބޭރުން" ކަމަށް ބުނެ މި ސަރުކާރުގައި އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް އަލުން ފެށިއެވެ.

އެ ކަމަށްޓަކައި ރައީސް އޮފީހުގައި ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ފަރާތުން ފްލެޓަށް ކުރިމަތިލި މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތެއް ވެސް ކުރިއަށް ގެންދިޔައެވެ. އެ މަސައްކަތަށް ފަހު ލިސްޓު މުރާޖައާކޮށް ފްލެޓް ލިބޭ މީހުންގެ އާ ލިސްޓެއް ނެރުނެވެ. އެ ލިސްޓުގައި، ކުރިން ފްލެޓް ލިބުނު ގިނަ ބަޔެއްގެ ނަން އުނިވެގެން އައި އިރު، އޭގެ ތެރޭގައި ވަރަށް ހާލުގައި ދިރިއުޅޭ މީހުން ވެސް ހިމެނެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން މަޖިލީހުގެ ކޮމިޓީއަކަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފްލެޓް ކޮމިޓީގެ މެންބަރު ތާހާ މުހައްމަދު ހާޒިރު ކުރި ދުވަހެއްގައި ފްލެޓް ލިސްޓުން އުނިވެ ދިޔަ ވަރަށް ހާލުގައި އުޅޭ ރައްޔިތުން ތަމްސީލް ކުރާ އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއާއި މިފަދަ ބައެއް ރައްޔިތުން މަޖިލިސް ކައިރީ އިހްތިޖާޖް ކޮށްފައިވެއެވެ. ރައީސް ނަޝީދު އެ ދުވަހު ވަނީ އެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ މީހުންގެ ޝަކުވާ އަޑު އައްސަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން

    ކޮބައިތޯ ޓީޗަރުންނަށް ދޭ ފުލެޓް ކުރީސަރުކާރުންވެސް ލިބޭނެކަމަށް ލިސްޓްގައި އޮތް އަދި މިސަރުކާރުގައިވެސް ލިބޭނެކަމަށް ލިސްޓްގައޮތް ނަމަވެސް ފުލެޓް ދީނިންމާލިއިރު ނަންނެތް މިވީކިހިނެތްބާ

  2. ބޯހިޔާ

    ބަލަ މިސަރުކާރު އައީ ފުލެޓް އަޅާދޭނަމޭ ހެޔޮއަގުގާ ކޮބައި އެޅުނުފެލެޓް ޔާމީނު ސަރުކާރުންއެޅުނު ފުލެޓްވެސް ނުނިމި ދިގުލަނީ ކޮބައި ވީވައުދު؟ މިކަމެންނުވާނެ ދެންވާނީފުލެޓް؟؟ ރައީސްވެސްއޮޅިއްޖެ؟؟

  3. ޒާ

    މިކަމުންވެސް ދޭހަވަނީ ނަޝީދަނީ ވަރަށް ގޮތެއްފޮތެްނެތް މީހެއްކަން. އެފަދަ މަގާމެއްގައި ހުރެ މީހުންނަށް ފުރައްސާރަ ކުރުމަކީ ހުތުރުކަމެއް.

  4. ދިވެހިލޭ

    ދެން ސިޓީ ތައްވެސް ކާލާ ވަގުކަލޭގެ

  5. Anonymous

    މިސޮރައް އަބަދުވެސް ކޮސް ގޮވެނީ ކީއްވެ

  6. ނާޝިޒް

    ކުރީ ސަރުކާރުންވެސް ފްލެޓް ދިނީ އިންސާފުންކަމައް ޤަބޫލް ނުކުރަން ޕޮއިންޓް ދިނުމުގައި ބޮޑެތި ތަފާތުތައް އޭރުވެސް ހުރިކަމައް ފާހަގަ ކުރަން ތީ ހަމަ ރައްޔިތުންނައް ދޭ އަނިޔާ ތީގަ އެންމެ ރަނގަޅުގޮތަކީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި މައްސަލަ އުޅޭކަމައް ބުނެ މިސަރުކާރުން އެކުލަވާލި ލިސްޓައް ފްލެޓް ތައް ހަވާލުކޮއް ނިންމާލާ ދެން އޮންނަ ފިޔަވައްސަކުން މިފަހަރު ލިސްޓުން އުނިވެގެން ދިޔަ ފަރާތްތަކައް އިސްކަންދޭ ތަރުތީބެއް ގެންގުޅުން.............