ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ބޯޓުގައި ތިބި ބަޔަކަށް އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައެއް ބަހުސްނުކޮށް ތަޅުމުން ބޭރުކޮށްލަން ފާސްކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަނެ ބަހުސް ކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓް ދެއްވިއެވެ. ވަކި ގޮތަކަށް ވޯޓް ނުދެއްވާ ތިން މެންބަރަކު ތިއްބެވިއެވެ.

އެހެން ކަމުން އެ ކުއްލި މައްސަލައަށް ބަހުސް ކޮށްފައެއް ނުވެއެވެ. ކުއްލި މައްސަލަ ބަލައިގެންފިނަމަ ގަޑިއިރެއް ވަން ދެން މައްސަލައަށް ބަހުސްކޮށް ނިންމާލަނީއެވެ.

ތޯރިގް ހުށަހެޅުއްވި ކުއްލި މައްސަލާގައި ފާހަގަކޮށްފައިވަނީ ނ. އަތޮޅު ބޮއެގެ އުތުރުން 30 ނޯޓިކަލް މޭލު ބޭރުން އަތުލައިގަތް ބޭރުގެ ބޯޓުގެ މައްސަލައެވެ. މިދިޔަ ހަފުތާގައި އަތުލައިގަތް އެ ބޯޓުގައި ތިބި އެއްވެސް މީހަކަށް ފިޔަވަޅު ނާޅާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އެ މައްސަލާގައިވެއެވެ. އެ ބޯޓުގައި ތިބި މީހުނަށް ދައުވާ ކުރުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ހަރުދަނާ ކުރުމަށް އެ ކުއްލި މައްސަލާގައި ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމީ

    އިންޑިއާ ބޯޓެއްވީމަ

  2. ކޮރަލް

    ތިޔަ މައްސަލަ ކޯޓައް ވައްދަން ވީ އެވެ.

  3. ފާއިޒު

    ކީއްކުރާނީ، ޖެހިލުންވާވަރު މިފެންނަނީ. މަޖީލީހު ފްލޯގައި ވާހަކަ ދައްކަން ފުރުސަތު ދީފިނަމަވެސް އޭގެ ޙަޤިޤަތާއި އިންޑިޔާގެ ސަރުކާރުގެ ދަށުވެފައިވާ މިންވަރު އާއްމު ދައްޔިތުންނަށް ވިސްނޭނެތީވެ އެވަރު ފުރުސަތެއްވެސް ދޭން ނުކެރުނު. ޙާދަ މޭކަރާ ސަރުކާރެކޭ ދޯ؟!!