2014 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުންގެ މައްޗަށް ހިންގި މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ ޚިލާފުކަމަށް ކަނޑައަޅައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ސުޕްރީމް ކޯޓުން އެޗް.އާރ.ސީ.އެމްގެ މެމްބަރުންގެ މައްޗަށް 2014 ގައި ހިންގި މޯޓޫ މައްސަލަ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ ޚިލާފުކަމަށް ކަނޑައަޅާފައިވާކަމަށެވެ.

އެ ކޮމިޝަނުގެ ކުރީގެ މެންބަރުން ކަމުގައިވާ އަޙްމަދު ޠަލާލް އާއި ޖީޙާން މަޙްމޫދު އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ވަނީ އެ ކޮމިޓީއިން ވަނީ ގޮތް ނިންމަވައި، އަދި ކޮމިޓީން ދެކޭ ގޮތް ރަސްމީކޮށް ވަނީ ސަރުކާރާ ޙިއްސާކުރައްވާފައި ވާކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެގޮތުން، 2016 ވަަނަ އަހަރުގެ ސެޕްޓެންބަރު 25 ގައި ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހެޅުއްވި މައްސަލާގައި، ސުޕްރީމް ކޯޓުން 2014 ގައި އެޗްއާރްސީއެމްއާ ދެކޮޅަށް އޭރު ހިންގާފައިވާ މައްސަލައާއި، އެޗްއާރްސީއެމް އިން ރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ދެވަނަ ސައިކަލްއަށް ހުށަހެޅި ރިޕޯޓަކީ ޤާނޫނާ ޚިލާފު، ވަކި ކޮޅަކަށް ބުރަވެފައިވާ އަދި ޢަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ރިޕޯޓެއްކަމަށް ނިންމުމާއި، އެޗްއާރްސީއެމްގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި އ.ދ. އަށް މަޢުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާގޮތަށް ޢަމަލުކުރަންޖެހޭ ވަކި ގައިޑްލައިންއެއް ކަނޑައެޅުއްވުމުގެ ސަބަބުން އެ ކޮމިޝަނުގެ މެންބަރުންނަށް މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ގެ 19 ވަނަ މާއްދާއިން ލިބިދޭ ޙައްޤަށް އުނިކަން އައިސްފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުން 2014 ގައި ހިންގި ސުއޯ މޯޓު މައްސަލައަށްފަހު ނެރުއްވާފައިވާ ގައިޑްލައިންގެ ނަތީޖާއަކީ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކާ ގުޅޭ ގޮތުން ކޮމިޝަނުގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހުރަސްއެޅިގެން ދިޔުންކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅުއްވާފައެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކާއި ޢާންމު މަޞްލަޙަތު ހިމެނޭ ކަންކަމުގައި ކޮމިޝަނުން މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅިފައިވާކަން އެ ކޮމިޓީއިން ވަނީ ފާހަގަކުރައްވާފައެވެ.

ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ހިންގާފައިވާ ސުއޯ މޯޓޫ މައްސަލައަށް ބެލުމަށްފަހު، އެ ކޮމިޓީން ކަނޑައަޅުއްވާފައި ވަނީ އެޗް.އާރް.ސީ.އެމްއަށް ކޯޓުން ކުރައްވާފައިވާ ތުހުމަތުތަކާއި ފާހަގަކުރައްވާފައިވާ ކަންކަމާއި ނެރުއްވާފައިވާ ގައިޑްލައިނަކީ ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ފަރާތްތަކުގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު "ގައިދުކުރުން" ކަމަށެވެ.

އެއީ މަދަނީ އަދި ސިޔާސީ ޙައްގުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ ވަކި މުހިންމު މަޤްޞަދެއް ޙާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެކަމަށް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކަނޑައަޅުއްވާފައެވެ. އަދި، މުސްތަޤްބަލުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަކީ، ދައުލަތުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސސ

    ބޮޑުތަކުރުފާން ޕުރިންސިޕަލް :
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން
    2/ ދިވެހިން ނަކީ ސުއްނީ މުސްލިމުން
    3/ ދިވެހިރާއްޖެޔަކީ މިނިވަން މުސްތަޤިއްލު އިސްލާމީ ޤައުމެއް
    4/ ދިވެހިންގެ ރަސްމީ ބަހަކީ ޢަރަބި ތާނަ ދިވެހިބަސް .

    12
  2. ނިޒާމު

    މ މީ އަޅެ ކާކު ދަރިއެއްތަ މީނާއައް ހާދަ އެއްޗެއް ނޭނގޭދޯ

  3. ޖސޖސ

    މީނާ މީ އަހަރުން ބަލައިގަންނަ މީހެއްނޫން. މީނާގެ ހުރިހާ މަސައްކަތެއްވެސް ބިނާވެފައިވަނީ މީނާގެ ޕާޓީ މީހުން ކޮށްފައިވާ ބޮޑެތި ކުށްތަކުން އެމީހުން ސަލާމަތް ކުރުމާއި އިންޑިޔާ ބޭނުންވާ ގޮތަށް ރާއްޖޭގެ އެންމެހާ ކަންކަން ބަދަލުކޮށްލުން.

  4. ޢަލިބެ

    ކަމެއްވާއިރަށް ބައިނަލްއަޤްވާމީ ކަމަކާ ނުވަތަ އެއްޗަކާ ޚިލާފުވެގެން ތިއުޅެނީ ތިކިޔާ އިންސާނީ ޙައްޤުތައް އޮންނަނީ އެމީހަކު އުޅޭނެ ދީނަކަށް އުޅެވޭގޮތަށްނު. އެހެންވީމަ އެހެންދީންތައް އިސްލާމްދީނަށްވުރެ މޮޅުވެ ރަނގަޅުވެގެން އުޅޭބަޔަކަށް މަގުފަހިވާގޮތަށް ﷲ އިންސާނުން ހެއްދެވީ އެއިލާހަށް އަޅުކަން ކުރުމަށްކަމަށް އަންގަވާފައިވަނިކޮށް ތިއެނބުރެނީ ތިސޫމޯޓޯއެއް ﷲގެ އެންގެވުމަށްވުރެ މޮޅުވެގެންދޯ.

  5. Anonymous

    އެހެން ނޫނަސް ކަލޭމެންގެ ޕަޕެޓުންތަކެއް ތިބެގެން ހިންގާ ކަމެއް ކަލޭމެންނަށް ގޯސްވާނެތަ.

  6. ވާބެ

    އަޙްމަދު ޠަލާލް އާއި ޖީޙާން މަޙްމޫދުއަށް ބަދަލުގެ ގޮތުގައި މީހަކަށް 10 މިލިޔަން ޔޫރޯގެ ނަގުދު ކޭޝް ވަގުތުން ދިނުމަށާއި މިދެމީހުންގެ މަގާގު އިއާދަކުރުމަށާއި އެދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ފުރިހަމަ މުސާރަ ދިނުމަށާއި ވަޒީފާ ކުރިއެރުންވެސް ދޭންވާނެކަމަށާއި މިފަންނުގައި މިއީ ދުނިޔޭންވެސް މަދުބައެއްކަމުން މިދެމީހުންގެ ސެކިއުރިޓީ އެންމެމަތީ ލެވެލްގައި ދިނުމަށާއި ޒާކިރުނައިކު ރާއްޖެ ވަޑައިގެން ބޭއްވި ދީނީ ފޯރަމް ހޯސްޓްކުރިވަގުތު އޭގެ އެންމެ ފުރިހަމަގޮތުގައި ދިވެއްސަކު ފުރަތަމަ ފަހަރަކަށް ތިމަންނަކީ މުސްލިމެއް ނޫންކަމުގައި އިއުލާން ކުރުމުގެ ފުރުސަތު ހޯދާދެއްވި ފަރާތަކަށްވާތީ ތަލާލުގެ ހަށިފާރަވެރިން އިތުރުކުރުމަށް ހުކުމްކޮށް މިގަޟިއްޔާ ނިންމާލަމެވެ.