ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ނިންމައިފި މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. "އިރާދަ ކުރެއްވިއްޔާ ރިޔާސީ އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު، އިންސާފުވެރި ކަމާއެކު ބޭއްވިގެންދާނެ ދުވަހަކީ 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަސް" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ވޯޓު ލުމަށް ކަނޑައަޅާފައިވާ ދުވަހަކީ އާދީއްތަ ދުވަހަކަށްވުމުން އެދުވަހަކީ ވޯޓު ލުމަށް ހާއްޞަ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅުމާއެކު، އިންތިޚާބާއި ގުޅުންހުރި މުހިންމު ދުވަސްތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައި މި ރަސްމިއްޔާތުގައި އިއުލާނު ކުރައްވާފައެވެ.

އެގޮތުން މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު 2018 ޖޫން 10 ވާ އާދީއްތަ ދުވަހު އިއުލާނު ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވުމުގެ (ރީރެޖިސްޓްރީވުމުގެ) ފުރުޞަތު 2018 ޖުލައި 17 އިން އޮގަސްޓް 19 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއި ކުރުމުގެ ފުރުޞަތު 2018 އޮގަސްޓް 31 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދޭނެކަމަށްވެސް އީސީން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގެ ފުރުޞަތު އާއްމުކޮށް ހުރިހާ ފަރާތްތަކަކަށް ހުޅުވާލައްވާނެ ކަމަށާއި، 8 ޤައުމެއްގެ އިންތިޚާބާއި ބެހޭ މަރުކަޒުތަކަށް ހާއްޞަ ދައުވަތު ދެއްވާނެ ކަމަށް އަދި އީޔޫ އާއި އޯއައިސީ އަށް އިންތިހާބު އޮބްޒާވް ކުރުމަށް ފުރުސަތު ދޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް 107 ދުވަހަށް ވެފައިވާއިރު، މި އިންތިޚާބުގައި ވާދަ ކުރައްވާނެކަން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، އުމަރު ނަސީރު ވަނީ އިއުލާނު ކުރައްވާފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޤާސިމް އިބްރާހިމްވެސް އިންތިޚާބުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުލް

    ކޮކަޑި ކުމާރުގެ ހިތްތެޅެނީ އަބަހަށްދަވަނީ. ބޮލާ ފޮށާއެޅެނީ.

  2. ތެދު

    ދޮގު؟!