އައްޑޫ ސިޓީއަށް ޑެޕިއުޓީ މޭޔަރަކު ހޮވުމަށް މިއަދު ކުރިއަށް ދިޔަ ކައުންސިލް ޖަލްސާގައި ތިން ފަހަރަށް ވޯޓު ލައިގެންވެސް މޭޔަރު އިންތިހާބު ވެފައި ނުވާ ކަަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދިޔަ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފު އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިއަދު ކައުންސިލްގައި ބޭއްވި ޖަލްސާގައި މި މަގާމަށް ކުރިމަތިލާފައިވަނީ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދު (މާހު) އާއި ފޭދޫގެ ކައުންސިލަރު އަލީ ފަހުމީ އެވެ.

ސޯބެ ވިދާޅުވީ، ޑެޕިއުޓީ މޭޔަރަކު ހޮވުމަށް މިއަދު ވޯޓު ލާފައިވާ ކަމަށާއި އެހެން ނަމަވެސް ވޯޓުތައް އެއްވަރުވުމުން ޑެޕިއުޓީ މޭޔަރު އިންތިހާބު ކުރެވޭ ގޮތް ނުވާ ކަމަށެވެ. އެގޮތަށް ތިން ފަހަރަށް ނަތީޖާ އެއްވަރުވި ކަމަށް ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، މިވަގުތު އިތުރު ކައުންސިލަރަކު ރަށުން ބޭރުގައި ހުރުމާއި ގުޅިގެން ހަފްތާއެއްގެ ތެރޭގައި އަނެއްކާވެސް ޑެޕިއުޓީ މޭޔަރު އައްޔަން ކުރުމަށް ވޯޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.