ކ. އަތޮޅު ދިއްފުއްޓަށް ހޮނު އަޅާ ގެއްލުންތަކެއް ލިބިއްޖެއެެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތައް ވަމުންދާއިރު، ދިއްފުއްޓަށް ހޮނު އަޅާފައި ވަނީ ރޭ ފަތިހު އެވެ.

ދިއްފުށީގެ ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް މުބައްސިރު "ވަގުތު"އަށް ވިދާޅުވީ، ރޭ ފަތިހު އެރަށަށް ހޮނުއަޅައި، ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ބައެއް ވިޔަފާރިތަކަށްވެސް ގެއްލުންވި ކަމަށެވެ.

"ބައެއް ގޭގެއިން ކަރަންޓްގެ ބައެއް ސާމާނުތަކަށް ގެއްލުންވި، ފިހާރައަަށާއި، ގެސްޓްހައުސްތަކަށްވެސް އެބަ ހުރި، ލިބުނު ހުރިހާ ގެއްލުމެއްގެ މައުލޫމާތު ހިއްސާ ކުރަން އަޅުގަނޑުމެން ވާނީ އިއުލާނު ކުރައްވާފައި". މުބައްސިރު ވިދާޅުވިއެވެ.

މުބައްސިރު ވިދާޅުވީ، މި ހާދިސާގައި ރަށުން ކަރަންޓްވެސް ދިޔަ ކަމަށާއި، މިވަގުތު ރަށަށް ކަރަންޓް ދެމުން ދަނީ ފީޑްތަކަށް ބަހާލައިގެން ކަމަށެވެ.

އޭނާ ވަނީ މި ހާދިސާގެ ސަބަބުން އެރަށުން ގެއްލުން ލިބުނީ ކިތައް ގެއަށް ކަން އަދި ދަންނަވަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެ މައުލޫމާތު ކައުންސިލުން އެއްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްފުއްޓަށް ކަރަންޓް ދެމުން ދަނީ ސްޓެލްކޯއިންނެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެރަަަށުގައި 80% އަށް މިހާރު ކަރަންޓް ދެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 30 ވަރަކަށް މިނުޓު ތެރޭގައި މުޅި ރަަށަށް ކަރަންޓް ދެވޭނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.