ސަރުކާރުގެ ހަރަދުގެ ފުރަތަމަ ޑްގްރީ ހިލޭ ހަދާ ދަރިވަރުންގެ އަދަދު 10،000 މައްޗަށް އަރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ ރިޔާސީ ވައުދެއް ކަމަށްވާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް 11 ހާހަށްވުރެ ގިނަ ދަރިވަރުން ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 10،000 ދަރިވަރަކަށް މިހާރު ވަނީ އެ ފުރުސަތު ފަހިކޮށްދީފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފުރަތަމަ ޑިގްރީ ހާސިލްކުރުމަށްޓަކައި މި ދެ އަހަރު ތެރޭ ޖުމްލަ 11466 ދަރިވަރެއް ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އެހެންނަމަވެސް ސަރުކާރުން މިވަގުތަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ 10،000 ދަރިވަރުންނަށެވެ.

މި ސްކީމްއަށް މިހާތަނަށް ދައުލަތުން ވަނީ 240 މިލިއަނަށް ވުރެ ގިނައިން ހަރަދުކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު 73 މިލިއަނަސް ވުރެ ގިނައިން ހަރަދުކޮށްފައި ވާއިރު މިދިޔަ އަހަރު ވަނީ 132 މިލިއަނަށް ވުރެ ގިނައިން ހަރަދުކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 34 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިކަމަށް ހަރަދުކޮށްފައިވާކަން ފާހަގަކޮށްލެެވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވާ ގޮތުގައި މިވަގުތު 7173 ދަރިވަރަކު އަންނަނީ އެކި ދާއިރާތަކުން މި ސްކީމްގެ ދަށުން ޑިގްރީއަށް ކިޔަވަމުންނެވެ. އަދި މި އަހަރުގެ މިހާތަނަށް 845 ދަރިވަރަކަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ތައުލީމީ ގާބިލު ޒުވާނުން އުފެއްދުމަށްވުރެ މުހިއްމު މަޝްރޫއެއް މި ސަރުކާރަށް ނޯންނާކެމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. އެގޮތުން ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުންދާ ކޯސްތަކަށް ބަލާއިރު މައިގަނޑު 26 ދާއިރާއަކުން އަންނަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.

ހިލޭ ޑިގްރީގެ ޕްރޮގްރާމްގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް ތައުލީމް ލިބުމުގެ ފުރުސަތު ފަހިވެ އެކަމަށް މާލީ ތަނަވަސްކަން ލިބިގެންދިޔުމަކީ ގިނަ އަދަދެއްގެ ފައިސާ ޤައުމުން ބޭރުނުވެ ހިފެހެއްޓޭނެ ކަމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދ ރާއްޖޭގެ މަތީ ތައުލީމް އުންގަނައިދޭ މަރުކަޒުތައް ގިނަވެ އެ މަރުކަޒުތަކުން ހިންގާ ކޯސްތައް އިތުރުވުމަށް މަގު ފަހިވެގެންދާނެކަންވެސް ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    މިކަހލަގެ ހަބަރު ނުޖެހުމަށް އާދޭޙާ އެކު ދަންނަވަން ، މުޅިން ވެސް މިސަރުކާރުން އިވޭ އަޑަކީ " ފުރުސަތު ފަހިކޮށްދީފައެވެ، އަމާޒު ހިފައިފި ސަވޭ ފަށަން ތައްޔާރު ، ކޮންޓެކްޓަރ ހޯދަނީ، " މިނޫން ވާހަކަ އެއް ސަރުކާރުން ބުނީމަ ނޫހުގަ ޖަހާލަބަލަ، ހެޑް ލައިން ތައް ސަޅިވާނެ ވޯޓް ކައިރިވާ ވަރަކަށް،

  2. ޢަލީ

    އެއީ ހަމައެކަނި މި 3 އަހަރުގެ ކުދިންތޯ؟ ތިހިސާބު ހަދާފައި އޮންނާނެގޮތެއްކަމަށް ބެލެވެނީ ކުރީސަރުކާރުގެ 5 އަހަރުގެ ތެރޭ ފޮނުވި ކުދިންނާއި މި 3 އަހަހރުގެ ކުދިންނާއި އޯލެވެލްއަށް ކިޔަވާކުދިންވެސް ހިމަނައިގެން. ދޮގުހެދުމާއި މަކަރުހެދުމާއި އޮޅުވާލުން ވަރަށް މޮޅުވާނެ،

  3. އަބްދޫ

    ސަރުކާރުން ކިޔަވާ ވާހަކަ ނުދައްކާ އެމްޑީޕީ ވެރިކަމަސް އައިސް ހިލޭ ކިޔަވާ ދިނުން ހުއްޓުވާފަ،އެ ދަރިވަރުންނަސް ދެމުން އައި އެލަވަންސް ވެސް ކަނޑާލި.