މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައި އެކަނި ކަމަށާއި، އެހެންކަމުން މިކަމަށް ސަމާލު ތިބުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖެއާއި ރަޝިއާ އާ ދެމެދު 2019 ވަނަ އަހަރުގެ 25 ޖޫން ގައި ސޮއިކޮށްފައިވާ "އެގްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރަޝިއަން ފެޑެރޭޝަން އޮން މިއުޗުއަލް އެކްސެމްޕްޝަން އޮފް ވިސާ ރިކުއަރމަންޓްސް ފޮރ ނޭޝަނަލްސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ފޮރ ނޭޝަނަލްސް އޮފް ދަ ރަޝިއަން ފެޑެރޭޝަން" އެގްރީމަންޓަށް އެ އަހަރު ޖުލައި 25 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން، ރަޝިއާއަށް ދަތުރުކުރާ ދިވެހިންނަށް (މަސައްކަތް ކުރުމަށާއި ކިޔެވުމަށާއި ދިރިއުޅުން ބަދަލުކުރުން ފިޔަވައި އެހެން ބޭނުންތަކަށް) 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުުވިއެވެ.

އެހެންނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރަޝިއާ ސަރުކާރުން އެ ގައުމުގެ ބޯޑަރު ގަވާއިދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

"މިގޮތުން މިހާރު ދިވެހީންނަށް ރަޝިއާއަށް ދަތުރުކުރެވޭނީ ހަމައެކަނި ރާއްޖެއިން ފުރާ އަދި ރާއްޖެއިން ރަޝިއާ އަށް ދަތުރުކުރާ ޑައިރެކްޓް ފްލައިޓުތަކުގައި"،

އެހެންކަމުން ރަޝިއާ އަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.