އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އިސް މީހުން ރާއްޖެ ގެންނަން ސަރުކާރުން އުޅޭނަމަ އެކަން ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

ހުސެއިން ވަހީދު މިހެން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް އެކުލަވައިލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ އެ ޖަމިއްޔާގެ އިސް މީހުން ރާއްޖެ އައުމުން ތަހުގީގު ހިންގާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ވިދާޅުވުމުންނެވެ.

ހުސެއިން ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި އެމްޑީއެން މީހުން ގެނެވޭތޯ ބެލުމަކީ މުހިންމު ކަމެެއް ކަމަށާއި އެކަމަށް މަސައްކަތް ކުރެވޭނަމަ އެކަން ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. "އެކަމުން ސަރުކާރާއި މެދު ރައްޔިތުން ފަހުރުވެރިވާނެ." ހުސެއިން ވަހީދު ވިދާޅުވިއެވެ.

އެމްޑީއެން ރިޕޯޓުގެ ތަހުގީގަށް ފުލުހުން ވަނީ އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ނޯޓިސް ފޮނުވާފައި ވަނީ 2019 ނޮވެންބަރުގަ އެވެ.

އެމީހުން ރާއްޖެ އައުމުން ތަޙްޤީޤު ކުރިއަށް ގެންދާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް އެމީހުން ރާއްޖެ ގެނައުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރާކަން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ތަފާތު ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ރާއްޖެ އިން ބޭރަށް ދިއުމުން އިންޓަޕޯލްގެ ރެޑްނޯޓިސް ނެރެގެން ވެސް އެފަދަ މީހުން ރާއްޖެ ގެންނަން މަސައްކަތް ކުރެއެވެ. ނަމަވެސް އެމްޑީއެންގެ އިސް މީހުން ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީއަށް ވެސް ދިވެހި ސަރުކާރުން އެދިފައެއް ނުވެއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ ހުސެއިން ވަހީދު ކުރެއްވި ޓްވީޓްގައި ވަނީ ރާއްޖޭގައި ތިބި އެމްޑީއެންގެ މީހުންނަށް ހަދާން ނިންމާފައިވާ ގޮތެއް ވެސް ސާފުވި ނަމަ ރައީސް ޞާލިހްގެ ވާހަކަފުޅު ވަރަށް ފުރިހަމަ ވީސް ކަމަށް ވިދާޅުވިއެވެ. "އެމްޑީއެން އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މީހުން މިހާރުވެސް ރާއްޖޭގައި އުޅޭ ވާހަކަ އަކީ އާންމު ވާހަކަ އެއް." ހުސެއިން ވަހީދު ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އަދި ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ނޫޝަން ވަހީދަކީ ވެސް އެމްޑީއެންގައި އިސްކޮށް މަސައްކަތް ކޮށްފައިވާ މީހުންނެވެ. ނަމަވެސް ފުލުހުންގެ ތަޙްޤީޤުގައި މިއިން އެއްވެސް މީހަކާއި ސުވާލު ކުރިކަން ވެސް އަދި އެނގިފައެއް ނުވެއެވެ.

ސަރުކާރުން ކަންކަމުގައި ފިޔަވަޅު އަޅާނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ގާނޫނުގައި ލިޔެފައިވާ ގޮތުގެ މަތީން ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އުގުރި

    އެމްޑީއެންގެ ކަންތަކުގައި އިބްރާހީމް މުހައްމަދު ސޯލިހު ދޮގު ހެދިހެދިހެއް އޭނަ ދެކެ ލޯބިވާ އިލްމުވެރިން ތަކެއް ވެސް އުޅޭނެ..

    23
    1
  2. އެންޓިފޯލިން

    އިޕޯލޭ ރެޑުނޯޓިސްއޭ ގޮވާއިރު ވާނުވާއެނގޭތަ

    8
    3
  3. އަހުމަދު

    އެމްޑީއެން މީހުން ދައުލަތުގެ އިސް މަގާމުތަކުގައި. ދައުވާ ކުރަން ހުރި ޕްރޮސަކިޓާރ ޖެނެރަލް އަކީ އެ ރިޕޯޓު ނެރުނު އިރު އެމްޑީއެން ގެ ރައީސް... . ދެން ވާނެގޮތް ވިސްނާ

    24