މުސްލިމުންގެ ބިމެއް ފޭރިގަނެފި ނަމަ އެ ބިން މިނިވަން ކުރަން މުސްލިމުން މަސައްކަތް ކުރަން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ މަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ މައްސަލައަކީ، ހަމައެކަނި ފަލަސްތީނު މީހުންގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ ހުރިހާ މުސްލިމުންގެ މައްސަލަ އެއް ކަމަށާޢި މުސްލިމުންގެ ބިމަކަށް ބަޔަކު އަރައި، މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަން ކުރުމަށްޓަކައި އެންމެހައި މުސްލިމުން މަސައްކަތް ކުރަން ޖެހޭނެ ކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އަދި އެފަދައިން މުސްލިމުންގެ ބިމެއް ފޭރިގަނެފި ނަމަ އެ ބިމުގެ އަހްލުވެރިންނާ އެއްބައިވެ، އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށާއި އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށް ވާއިރު އެއީ މުސްލިމުންގެ އެންމެ ޙުރްމަތްތެރި ތިން ޙަރަމްފުޅުގެ ތެރެއިން އެއް
ޙަރަމްފުޅު ކަމާއި އެއީ ކީރިތި ރަސޫލާ އަށް އިސްރާ ކުރެއްވި، ބަރަކާތްތެރި ބިންކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި މަސްޖިދުލް އަގްސާ އަކީ ދިގު ދަތުރުކޮށް، ބުރަ އުފުލައިގެން ވިޔަސް، ޒިޔާރަތް ކުރުމަށް ބާރުއެޅުއްވިގެންވާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތްކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހުތުބާގައިބުނެފައި ވަނީ އިސްރާ އާއި މިއުރާޖުގެ މަތިވެރި ހާދިސާއަކީ މާތް ކީރިތި ރަސޫލާ އަށް ދެއްކެވި މަތިވެރި މުއުޖިޒާތެއް ކަމަށާއި އެއީ މުސްލިމުންނަށް ކުރިމަތި ކުރެއްވި ބޮޑު އިމްތިހާނެއް ކަމަަށެވެ.

އިސްރާއަކީ މައްކާގެ އަލްމަސްޖިދުލް ހަރާމުން އަލްމަސްޖިދުލް އަގްސާއަށް މާތް ނަބިއްޔާ ކުރެއްވި ދަތުރުފުޅު ކަމަށް ވާއިރު އެ މިސްކިތުގައި އެކަލޭގެފާނު ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ނަމާދުފުޅު ކުރައްވާފައިވެއެވެ. މިއުރާޖުގެ ދަތުރުފުޅަކީ ބިމުން ފެށިގެން ގޮސް މަތިވެރިވެގެންވާ ބުޑުތަކަށް ކުރެއްވި ދަތުރުފުޅެވެ.

ހުތުބާގައި ބުނެފައި ވަނީ މި މަތިވެރި ދަތުރުފުޅުގެ ތެރޭގައި މާތް އުއްމަތަށް ދެއްވި އެންމެ އަގު ބޮޑު ނިއުމަތަކީ ފަރުޟު ފަސް ނަމާދު ވާޖިބު
ކުރެއްވުން ކަމަށެވެ. އަދި ރަސޫލާ އެކަލޭގެފާނުގެ އަޚުން ކަމުގައިވާ ނަބީބޭކަލުންގެ އަރިހުގައި އިމާމުވެ ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވުމަކީ އިސްލާމް ދީނުގެ މި ރުކުނުގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެގެންދާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހަމައެހެންމެ ނަމާދަކީ ދީނުގެ ތަނބު ކަމާއި އެއީ އީމާންކަން މިނެދޭ މިންގަނޑަށް ވުމާއެކު މަޙްޝަރުގެ ބިމުގައި، އެންމެ ފުރަތަމަ ހިސާބު ބެލެވޭނީ ނަމާދާ ބެހޭގޮތުންކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން ރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމުގެ ދާންކޮޅުގައި އޮންނަވައި، އެންމެ ފަހުން ކުރެއްވި ވަޞިއްޔަތަކީ، ނަމާދަށް ރައްކާތެރިވުމަށް ކުރެއްވި ވަސިއްޔަތްކަމުން ނަމާދުގެ މުހިންމުކަން އެނގޭތީ ނަމާދަށް ރައްކާތެރިވުމަށް ހުތުބާގައި ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަންނި

    މި ރާއްޖެ މިއޮތީ ފޭރިގެންފަ

  2. ސަމާ މާލެ

    މިހާރު ރާއްޖެވެސް މަޑު މަޑުން މިދަނީ އިންޑިޔާގެ އަޅުވެތި ކަމުގެ ދަށައް.ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑައް ވިސްނާންޖެހޭ ކަމެއްމީ.

  3. ޖާބެ

    އެކަމަކު ފަތުވާ ދެނީ ދިވެހިން ނުޖެހޭ ބޭރު މުސްލިމުގައުތަކަށް އެހީވާން ދާކަށް

  4. ބެޓެލް ޔަރްމޫކް

    ދެން ކީއްވެޔޯ އިޒްރާއިލް ގެސްޓުންނަށް މަރުހަބާ ކިޔަނި. މުސްލިމުންގެ ބިން ފޭރި ފަ އެމީހުން ދަނޑުބިންތައް ފޭރި ފަ އެދަނޑުތަކުން ލިބޭ އެއްޗެސާ ފޭރިގަނެ ފާވާ ބިންތަކުގައި ހަދާ ފައިވާ ކާރުހާނާތަކުގެ ގެސްޓުން އިޒްރާއީލުން މުޅިން އަންނާނީ. މުސްލިމުންގެ ލޭބޮމުންދާ އޮން ގޮއިން ޤާތިލުންނަކަށް ޚިދުމަތް ދީ ފާ އެބަކަރިންތަކުގެ ބުރަކަށިތަކުގައި ތެޔޮދަމަމުން އަދިކިޔައޭ ދެއްކެން .ޖޭ

  5. ޑަބިޔާ

    މިޙާރު މިގައުމުގަ ތިބީ މުސްލިމުންނޭ ކިޔާގެން އުޅޭބައެއް ވެރިކަމުގަ ދީނާ ދެކޮޅުވާހަކަ މުޅިން ހެން ދައްކަނީ އަމަލުން ކުރަމުންދަނީ އަދި ނުވިތާކަށް މުޅި ގައުމު ފޭރިގެންފި. މިތަން މިމީހުންގެ ކިބައިން ސަލާމަތް ކުރުން ވަޖިބު