އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރީތަކާއި ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އައްޑޫގައި ރޭ ފުރަތަމަ މާރާމާރީ ހިނގާފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައެވެ. ފޭދޫ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީގައި ހަތް މީހަކު ޒަހަމްވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީގައި ހަތް މީހަަކަށް އަނިޔާވެގެން ފަރުވާދީފައިވާ ކަމަށެވެ.

މި މާރާމާރީ ހިނގާފައި ވަނީ 18:30 ހާއިރު، ފޭދޫގައި އަލަށް އަޅާ ޓާފް ދަނޑު ސަރަހައްދު ބޮޑު މަގުގައެވެ.

މި މާރާމާރީ ހިނގިތާ ގަޑިތަކެއް ފަހުން އައްޑޫގައި ދެން މާރާމާރިއެއް ހިނގާފައި ވަނީ ހިތަދޫގައެވެ. ރޭ 12:40 ހާއިރު ކަތިވަޅިއަކުން ހަމަލާ ދީފައި ވަނީ އުމުރުން ވިއްސަކަށް އަހަރުގެ ޒުވާނަކަށެވެ. އޭނާއަަށް ހަމަލާދީފައި ވަނީ ހިތަދޫ ބޮޑު މަގުގައި ހުންނަ ހުސައިން މޫސަ މިސްކިތް ކައިރީގައި ހުންނަ ގާޑިއާއަކަށް ގޮސް ހުއްޓާއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭގެ މާރާމާރީތަކާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.