ސިޔާސީ ޕާޓީތަކަށް އެންގީ ޤާނޫނީ އިމުގެ ތެރެއިން ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމަށް ކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިގެން ނުވާ ބާރެއް ބޭނުން ކުރައްވާފައި ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތީޚާބު ބާއްވާ ތާރީޚް އިޢުލާނު ކުރުމަށް ރޭ އިރާކޮޅު އެ ކޮމިޝަނުގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާ ބާރެއްގެ ވާހަކަ ނުދަންނަވަން، އަޅުގަނޑުމެން ދެންނެވީ ޕްރައިމަރީއެއް ބާއްވާ ކަމަށް ވަންޏާ، ޕާޓީގެ އަސާސީ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޕްރައިމަރީ ބާއްވަން." ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ އާއި ގުޅިގެން ޕާޓީތަކަށް ފޮނުވި ސިޓީއަށް އިޝާރާތްކޮށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދެންނެވީ، ޕާޓީގެ އަސާސީ ގަވާއިދުގައި ޕްރައިމަރީ ބާއްވަން ކަނޑައެޅިފައި ނުވާނަމަ، މީގެ ކުރިން ޕާޓީގައި ޕްރައިމަރީ ބާއްވާފައިވާ އުޞޫލާ އެއްގޮތަށް، ރާއްޖޭގައި ތަސްދީޤު ކުރެވުފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވާގޮތުގެ މަތިން ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ލިބިފައި ނުވާ ބާރެއް ބޭނުން ކުރައްވާފައި ނުވާނެ ކަމަށާއި ޕާޓީތަކަށް ފޮނުވި ސިޓީން ޕާޓީތަކަށް ނުފޫޒު ފޯރުވާފައިވެސް ނުވާނެ ކަމަށެވެ.

"ޤާނޫނީ ގޮތުން ލިބިފައި ނުވާ ބާރެއް ނުވަތަ ޕާޓީތަކެއްގެ ޕްރައިމަރީގެ ކަންކަމުގައި އަޅުގަނޑުމެން ނުފޫޒެއް ބޭނުންކުރުމުގެ މާނައެއް ދޭހަ ނުވޭ، އަޅުގަނޑުމެން މި ދަންނަވަނީ ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންދަވާށޭ، ޕާޓީގެ ޕްރައިމަރީ ނިމުމާ އެކީގައި ނަތީޖާ ފޮނުވައި ދެއްވާށޭ، ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތާ ޕާޓީގެ ޕްރައިމަރީއާ ގުޅިފައި އެބައޮވޭ" ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީއެއްގައި ބައިވެރިވެ ނުހޮވޭ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ކުރިމަތިލުމުގެ ޖާހައެއް ޤާނޫނުން ލިބިގެން ނުވެއެވެ.

ވަކި މުއްދަތަކަށް ސިއްރު ކުރަން ޤާނޫނުން ލާޒިމް ކުރާ ކަމެއް ފިޔަވާ ރިޔާސީ އިންތިޚާބުގެ އިތުރު އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން ސިއްރެއް ނުކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިރޭގެ ހަފްލާގައި ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވިއިރު، އެމްޑީޕީގެ ޕްރައިމަރީގައި ކުށްވެރިޔަކު ކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާދަކުރާ މައްސަލަ ބޮޑުވެ ފުލުހުން ވަނީ ކޯޓު އަމުރަކަށް އެ ޕާޓީގެ ޕްރައިމަރީ ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

މުޙައްމަދު ނަޝީދަކީ 17 އަހަރުގެ ދިގު ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހިފައިވާ ކުއްވެރިޔަކަށްވާތީ މިހާރު ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން 2018 ސެޕްޓެމްބަރު 13 ވާ އާދީއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ފަރާތެއް ނޫނެވެ.