މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވާ އާދީއްތަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ސުލްހަމަސްލަސްކަމާއި އަމާންކަން ނަގާލަން ފުރުޞަތު ނުދެއްވާނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ވަގުތުން ފިޔަވަޅު އަޅާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތީޚާބު ބާއްވާ ތާރީޚް އިޢުލާނު ކުރުމަށް ރޭ އިރާކޮޅު އެ ކޮމިޝަނުގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައެވެ.

"އިންތިޚާބުގެ އެއްވެސް ކަމެއްގައި ސްމޫތް ފަންގްޝަނިންއަށް، އޮމާންކަމާ އެކީގައި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ އެއްވެސް ކަމެއް އަޅުގަނޑުމެން މިފަހަރު ޓޯލެރޭޓެއް ނުކުރެވޭނެ. ފުލުހުންނާ ގުޅިގެން ވަގުތުން ވަގުތަށް އެކަމަށް ފިޔަވަޅު އަޅައި އިންތިޚާބަށް ހުރަސްއަޅާ ފަރާތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާން" އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ހަމަ އެއާއެކު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށާއި، އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށްޓަކައި ޤާނޫނީ އިމުން ބޭރުން ވަސީލަތްތަށް ބޭނުން ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް ޝަރީފް ގޮވާލެއްވިއެވެ.

އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތަކަށް ރައްޔުތުންނަށް ޤަބޫލު ކުރެވޭ މިންވަރަކަށް މި އިންތިޚާބު އިންތިޒާމް ކުރުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ބައިވެރިވެލެއްވުމަށްވެސް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

"އިލެކްޝަންސް ކޮމިޝަނާއި، ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާ ޖަމާއަތްތަށް ބައިވެރިވެގެން މި ފޯރުކޮށްދޭ އިންތިޚާބަކީ ކުރީގެ އިންތިޚާބުތަކާ ތަފާތުކޮށް، ރައްޔިތުންގެ އިތުބާރު ބޮޑު އަދި އިންސާފުވެރި، ހާމަކަން ބޮޑު، އިންތިޚާބަކަށް ވާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން" ރިޔާސީ އިންތިޚާބަށް އިލެކްޝަސްނ ކޮމިޝަނުން ކުރާ އުއްމީދުތައް ހާމަ ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.

އީސީގެ ރައީސް އިތުރަށް ވިދާޅުވީ، ޤާނޫނީ އިމުގެ ތެރެއިން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ދެކިލައްވާ ކަމަށާއި، ރިޔާސީ އިންތިޚާބުގެ ކަންކަމުގައި ސިޔާސީ ޕާޓީތަކުން ވީހާވެސް ގިނައިން ގުޅުއްވާ މަޝްވަރާވެސް ކުރެއްވުން އެދޭ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވިއިރު، ސިޔާސީ ޕާޓީތަކަށް އެންގީ ޤާނޫނީ އިމުގެ ތެރެއިން ޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމަށް ކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިގެން ނުވާ ބާރެއް ބޭނުން ކުރައްވާފައި ނުވާނެކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

23 ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 15 ގައި ހުޅުވާލުމަށް އިލެކްޝަނސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު