ފުލުހުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ފުލުހުން

ބަރުދަނުގައި ބައިކިލޯއަށްވުރެ ގިނައިން ހުރި މަސްތުވާތަކެއްޗާއި އެކު ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކުޅުދުއްފުށި ޕޯސްޓް އޮފީހުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރިއިރު، އެފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހޯދުމަށް މިމަހުގެ ފަސް ވަނަ ދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި ފޮށިގަނޑު ހުރީ މައްސަލައިގައި ހައްޔަރުކުރި މީހާގެ ނަމުގައި ކަމުގައިވާއިރު، ފޮށިގަނޑު ތެރެއިން ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައެވެ. ފުލުހުން ވިދާޅުވިގޮތުގައި މި ތަކެތީގެ ބަރުދަނުގައި 563 ގްރާމް ހުއްޓެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިޠުރު ޒަކާތް ނެރެންވީމާ މިސޮރުމެން އެ ނެރެނީ ކޯންޗެއް!