ގިނަ ބައެއްގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރި، އެސްޓާސް ބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެސްޓާސް ބަންދުކުރަން އަންގާފައި ވަނީ އެ ކުންފުނިން، ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށް، "ރޯދަ ސޭލް" ފަށައިގެން ކުރިޔަށް ގެންދަނިކޮށެވެ. އެހެންކަމުން މި ދުވަސްވަރަކީ އެސްޓާސް އިން ވިއްކާ ސާމާނުތަކަށް، އަހަރުގެ އެހެން ދުވަސްވަރުތަކާއި އަޅާބަލާއިރު ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރެކެވެ.

"ރޯދަ ސޭލް" ގެ ތެރެއިން އެސްޓާސް ބަންދުކުރަން ނިންމައި އެޗްޕީއޭއިން އެ ފިހާރައިގައި ހަރުކޮށްފައިވާ "ބަންދު ނޯޓިސް" ގައި ބުނެފައި ވަނީ އެ ފިހާރަ ބަންދުކުރަން ނިންމާފައި ވަނީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން، އެޗްޕީއޭއިން ޢާންމުކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޚިދުމަތްދެމުން ދާތީ ކަމަށެވެ.

"އަދި މިތަނުން ޚިދުމަތް ކުރިޔަށް ގެންދިއުމަށްޓަކައި ކޮވިޑް-19 އާއި ގުޅިގެން ޢާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ތަނުގެ ކަންކަން އިސްލާޙު ކުރުމަށްފަހު މި އޭޖެންސީގެ ނަމްބަރު 7264574 އަށް އެންގުމަށް ދަންނަވަމެވެ. އަދި މިގޮތަށް އެންގުމުން 24 ގަޑިއިރު ފަހުން ތަން އިންސްޕެކްޓްކޮށް މިންގަނޑުތަކާއި އެއްގޮތަށް ހުރިތޯ ކަށަވަރު ކުރުމަށްފަހު އުސޫލާ އެއްގޮތަށް ޚިދުމަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ އަލުން ދެވޭނެއެވެ." އެޗްޕީއޭގެ ބަންދު ނޯޓިސްގައި ވެއެވެ.

އެސްޓާސް ބަންދުކުރަން އެޗްޕީއޭއިން އަންގާފައި ވާއިރު އެ ކުންފުނީގެ ވިޔަފާރި ހިންގަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. ޚާއްސަ ގޮތެއްގައި ކަސްޓަމަރުން ގިނަވެ ތޮއްޖެހުނަނުދީ ފިހާރައިން ޚިދުމަތް ހޯދޭގޮތަށް އިންތިޒާމް ހަމަޖައްސާފައި ވާއިރު، ކަސްޓަމަރުންނަށް ފިހާރައަށް ވަންނައިރާއި ނިކުންނައިރު ސެނެޓައިޒް ކުރެވޭނެ ގޮތްވެސް އެސްޓާސްގެ ފިހާރައިން ހުރީ ހަމަޖައްސާފައެވެ.

އެޗްޕީއޭއިން ކުއްލިގޮތަކަށް އެސްޓާސް ފިހާރަ ބަންދުކުރުމާއި ގުޅިގެން އެ ފިހާރައިން ޚިދުމަތް ހޯދާ އަދި ހޯދަން ބޭނުންވާ ގިނަ ޢަދަދެއްގެ ކަސްޓަމަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ފިހާރައިގެ މުޙިންމު ސޭލެއް ކުރިޔަށް ދަނިކޮށް ކަސްޓަމަރުންނަށް ދަތިވާނެފަދަ ގޮތަކަށް، ޒިންމާދާރުކަމެއް ނެތި އަޅާ ފިޔަވަޅުތައް ހުއްޓާލުމަށް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އެޗްޕީއޭގެ އުސޫލު ބަޔާންކުރާ ގޮތުން އެ އޭޖެންސީން ބަންދުކުރާ ތަންތަން އަލުން ހުޅުވޭނީ، ބަންދުކުރެވޭ ވަގުތު ހަމަވުމަށްފަހު ޖެހިގެން އަންނަ 6 ގަޑިއުރު ތެރޭގައެވެ. މި 6 ގަޑިއިރު ގުނުމުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އާއި ދެމެދު ނުގުނޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެސްޓާސް އަކީ ގޭތެރެއާއި އޮފީސްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން އެންމެ އަގުހެޔޮކޮށް ލިބޭ ފިހާރައެވެ. އަދި ޚާއްސަ ގޮތެއްގައި ރޯދަ މަހާއި ދިމާކޮށް އެ ވިޔަފާރިން ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށް ވިއްކަމުންދެއެވެ. އެސްޓާސް އިން އަންނަނީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އޮންލައިންކޮށް ވިޔަފާރީގެ ޚިދުމަތްވެސް ދެމުންނެވެ.

އެޗްޕީއޭއިން ކުއްލިގޮތަކަށް އެސްޓާސް ބަންދުކުރަން ނިންމާފައި ވާއިރު، އެ އޭޖެންސީގެ އުސޫލުތަކާއި ފިޔަވަޅުތަކުގައި ހަރުދަނާކަމެއް ނެތުމުން ކުރިންވެސް ގިނަބައެއްގެ ފާޑުކިޔުން އެ އޭޖެންސީއަށް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ ކަންކަން، އެކަށީގެންވާ ގޮތެއްގައި އެ އޭޖެންސީއަށް ނުބެލެހެއްޓޭކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިހުސާން

    ތިތަން އެމްޑީޕީ ކެންޕޭނު ޖަހައަކަށް ހެދިނަމަ ނުވީސް ތިހެން

    99
    4
    • ޢނސ

      ޢެމްޑީޕީ ބޮޑުން ގެ ވިޔަފާރިތަކަށް ބާރުކުރީ ރައްޔިތުންނަށް އަގުހެޔޮކޮށް އެއްޗެހި ވިއްކާތީ. ރައްޔިތުން ބިކަކޮށް ފެލުން އެއީ އެމް.ޑީޕީ ގެ ސަގަފތް

      70
      7
  2. ނާގާބިލު

    އަންނި ހެޔޮ މަޖިލިހުގަ ޕާޓީ ބާއްވާ ހުޅުމާލޭގަ މީހުން އެއްކޮއް ޖަގަހަ ހުޅުވާ ހެދިޔަސް

    68
    5
  3. ހަގީގަތް

    އެއް ބަޔަކު ހެޔޮ މަޖިލިހުގަ ޕާޓީ ބާއްވާ ހުޅުމާލޭގަ މީހުން އެއްކޮއް ޖަގަހަ ހުޅުވާ ހެދިޔަސް

    57
    4
  4. އަރުސޮރެ

    ކެހިވެރި ފަތިސް

    62
    6
  5. ކަލްޓް

    އަޅުގަޑަށް ހީވަނީ އެޗްޕީއޭ އާ އެކީ ދަށުން ދަމާ ނުކުޅޭތީ ބިރު ދައްކާލީހެން.،
    ބޮޑުން ނަށް ލާރި ނާޅާ މި ފަސްގަޑުގައި މިހާރު އިންވެސްޓް ކޮއް ވިޔަފާރި ކުރެވޭނެ ގޮތެއް ނޯންނާނެ

    59
    5
  6. މާރިޟާ

    ޙާދަ ގެއްލުމެކޭ

    40
    7
  7. ދސ

    އެޗްޕީއޭ އުވާލާ ހަމަ މިހާރުން މިހާރަށް

    54
    5
  8. ރައު

    ސަރުކާރު ގެބޭނުމެއްނުހިފުނަސް ތިއެސްޓަރސް އަހަރުންނަށް މުހިއްމު.

    47
    4
  9. ކރޯނާކާލް

    ވަރުގަދަ ކޮރޯނާއެއްތީ.

  10. ގަލަން ތުނޑު

    ރައްޔިތުން ހަމަކަޑައީ މިސާލު ސިޔާސީ 5ދުވަހު ފްރީ ޓްރިޕް